ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު މިނިސްޓަރ ޝާހިދަށް އަރުވައިފި

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އަރުވައިފި އެވެ. އެމަނިކުފާނަށް މި ލަގަބު އަރުވާފައިވަނީ ޖުމްހޫރީ މައިދާނުގައި މިހާރުކުރިއަށްދާ ދިވެހިރާއްޖޭގެ ގައުމީ...

06 Oct 2021 | 16:41

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އަރުވައިފި އެވެ.

އެމަނިކުފާނަށް މި ލަގަބު އަރުވާފައިވަނީ ޖުމްހޫރީ މައިދާނުގައި މިހާރުކުރިއަށްދާ ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާގެ ޖަލްސާގަ އެވެ.

އ.ދގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް މިހާރު ކުރައްވާ ޢަބްދުﷲ ޝާހިދަށް މި ލަގަބު އަރުވާފައިވަނީ ރާއްޖޭގެ ޚާރިޖީ ވުޒާރާއަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކުގެ ސަބަބުން ނެވެ.

މިނިސްޓަރު ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިނިސްޓަރ ޝާހިދު ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ ރާއްޖޭގެ ފޮރިން ސަރވިސް އޮފިސަރެއްގެ ގޮތުގައި 1983 ވަނަ އަހަރު އެވެ.

އެމެރިކާގެ ދަ ފްލެޗަރ ސްކޫލުން، އިންޓަރނޭޝަނަލް ރިލޭޝަންސްއިން މާސްޓަރސް ޑިގްރީ ހާސިލު ކުރައްވާފައިވާ މިނިސްޓަރ ޝާހިދު ފޮރިން ސަރވިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިތާ ދިހަ އަހަރު ފަހުން ރާއްޖޭގެ އިންޓަރނޭޝަނަލް އެފެއަރޒްގެ ޑިރެކްޓަރުގެ މަގާމު ވަނީ އަދާ ކުރައްވާފަ އެވެ.

މީގެ އިތުރުން 1987 އިން 1994 އަށް ބޭއްވި އދ. ގެ ހުރިހާ އާއްމު މަޖިލީހެއްގައި ވެސް މިނިސްޓަރު ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓަރު ކަމަށް ޝާހިދު ފުރަތަމަ ވަޑައިގެންނެވީ ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލް ގައްޔޫމްގެ ޒައާމަތުގައި 2007 ގަ އެވެ. އޭގެ ކުރިން، 2005އިން ފެށިގެން ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ދެވަނަ ފަހަރަށް ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ނޮވެމްބަރު 17، 2018 ގަ އެވެ.

މިނިސްޓަރު ޝާހިދު އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ މިދިޔަ ޖޫން 7 ވަނަ ދުވަހު އެވެ. އެއީ 143 ވޯޓު ހޯއްދަވައިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް