އަވައްޓެރި ގައުމުތަކަށް ބިލު ނުދައްކައިގެން އަފްގާނިސްތާނުން ކަރަންޓު ކަނޑާލަން އިންޒާރު ދީފި!

އަފްގާނިސްތާނުން އަވައްޓެރި ގައުމުތަކުން ހޯދާ ކަރަންޓަށް މިދިޔަ ތިން މަހު ފައިސާ ނުދައްކާތީ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ދީފި އެވެ. އަފްގާނިސްތާނުގައި ބޭނުން ކުރާ 78 ޕަސެންޓަކީ އަވަށްޓެރި ގައުމު...

06 Oct 2021 | 16:17

އަފްގާނިސްތާނުން އަވައްޓެރި ގައުމުތަކުން ހޯދާ ކަރަންޓަށް މިދިޔަ ތިން މަހު ފައިސާ ނުދައްކާތީ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ދީފި އެވެ.

އަފްގާނިސްތާނުގައި ބޭނުން ކުރާ 78 ޕަސެންޓަކީ އަވަށްޓެރި ގައުމުތައް ކަމަށްވާ އުޒްބަކިސްތާން، އީރާން، ތަޖިކިސްތާން އަދި ތުރުކްމެނިސްތާނުން ގަންނަ ކަރަންޓެވެ. އެ ގައުމުތަކަށް ކޮންމެ މަހަކު 25-20 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހެ އެވެ.

އަފްގާންގެ ކަރަންޓާއި ބެހޭ ކުންފުނި ދަ އަފްގާނިސްތާން ބްރެޝްނާ ޝެރްކަތްގެ އެކްޓިން ސީއީއޯ ޝަފީއުﷲ އަހުމަދު ޒާއީ ވިދާޅުވީ މިދިޔަ އޮގަސްޓު މަހު ތޯލިބާނުން އެ ގައުމު ހިފި ފަހުން އެ ހަތަރު ގައުމަށް ދައްކަން ޖެހޭ 62 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެބަހުރި ކަމަށެވެ. އެ ހަތަރު ގައުމުންވެސް ދީފައިވާ ތިން މަހުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި ކޮންމެ ވަގުތެއްގައިވެސް މުޅި އަފްގާނުން ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ވިދާޅުވި އެވެ.

އާންމުން ބިލު ނުދައްކަނީ ބިލު ދައްކަން ދާން ރައްކާތެރި ނޫންވީމައާއި ގިނަ ރައްޔިތުންނަށް އާމްދަނީ ލިބެމުން އައި މަގު ބަންދުވެ ދިރިއުޅުން ހުއްޓިފައިވާތީ އެވެ.

ބްރެޝްނާ ޝެރްކަތުން ވަނީ ކާބުލްގައި ހުންނަ އދ. ގެ އެސިސްޓެންޓް މިޝަންގައި އެހީތެރިކަމަށް އެދިފަ އެވެ. އދ.ގެ މިޝަންގައި އެ ކުންފުނިން އެދިފައިވަނީ އަވައްޓެރި ގައުމުތަކުގެ ބިލު ދެއްކުމަށް އެހީތެރިވުމުގެ ގޮތުން 90 މިލިއަން ޑޮލަރު ދިނުމަށެވެ. އެއީ މިހާރު އަރާފައިވާ 62 މިލިއަން ޑޮލަރާއި އެކު ކުރިޔަށް އޮތް ހަފްތާ ތެރޭގައި އެ ގައުމުތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 85 މިލިއަން ޑޮލަރަށް އަރާތީ އެވެ.

ތޯލިބާނުންގެ ތަރުޖަމާނެއް ކަމަށްވާ ބިލާލް ކަރީމީ ވިދާޅުވީ އެ ގައުމުތަކާއި ތޯލިބާނުންނާއި ގާތް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށާއި ކަރަންޓުގެ މައްސަލައިގަ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އިތުރު މުއްދަތެއް ނުދީ ކަރަންޓު ނުކަނޑާލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

އަފްގާނިސްތާނުގައި އަމިއްލައަށް އުފައްދާ ކަރަންޓުން އުފެއްދެނީ ގައުމަށް ބޭނުންވާ ވަރުގެ އެންމެ 22 ޕަސެންޓު ކަރަންޓެވެ. އެ ގައުމުގައި 38 މިލިއަން މީހުންގެ އާބާދީއެއް އޮތް އިރު ކަރަންޓުގެ ހިދުމަތް ލިބެނީ އެންމެ 38 ޕަސެންޓު މީހުންނަށެވެ.

އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި އެ ގައުމު އޮތް އިރުވެސް ކަރަންޓު ކެނޑުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެކަމަކު އޭރު ކަރަންޓު ކެނޑެނީ ތޯލިބާނުންގެ ސަބަބުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބައެއް ފަހަރު ތޯލިބާނުން މައި ޓްރާންސްމިޝަން ޓަވަރުތަކަށް ހަމަލާ ދިނުމުގެ ސަބަބުން މުޅި ގައުމުންވެސް ކަރަންޓު ގޮސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް