ޔޫއެފާ ނޭޝަންސް ލީގު ސެމީފައިނަލް- އަނިޔާއާއި ގުޅިގެން އިމޯބިލޭ ސްޕެއިންނާއި ދެކޮޅަށް މިރޭ ނުކުޅެވޭނެ

ޔޫއެފާ ނޭޝަންސް ލީގު ސެމީފައިނަލުގައި މިރޭ ސްޕެއިންއާއި ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން އިޓަލީގެ ތަޖުރިބާކާރު ފޯވާޑް ކެއިރޯ އިމޯބިލޭ ނުކުޅޭނެކަމަށް އިޓަލީން ބުނެފިއެވެ. މުހިއްމު ފޯވާޑަށް މިރޭ...

06 Oct 2021 | 13:21

ޔޫއެފާ ނޭޝަންސް ލީގު ސެމީފައިނަލުގައި މިރޭ ސްޕެއިންއާއި ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން އިޓަލީގެ ތަޖުރިބާކާރު ފޯވާޑް ކެއިރޯ އިމޯބިލޭ ނުކުޅޭނެކަމަށް އިޓަލީން ބުނެފިއެވެ.

މުހިއްމު ފޯވާޑަށް މިރޭގެ މެޗު ގެއްލުނީ އެންމެ ފަހުން ޔޫރޮޕާ ލީގުގައި ލޮކޮމޯޓިވް މޮސްކޯއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. 31 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަ މެޗުގައި ހަ ލަނޑު ޖަހައިފަ އެވެ.

ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގައި ލޮކޮމޯޓިވް މޮސްކޯއާއި ދެކޮޅަށް މި ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި އަނިޔާވި އިމޯބިލޭއަށް އެންމެ ފަހުން ލީގުގައި ބޮލޯނިއާ އާއި ދެކޮޅަށް ލާޒިއޯ ކުޅެ 0-3 އިން ބަލިވި މެޗު ވަނީ ގެއްލިފައެވެ.

މިރޭގެ މުހިއްމު މެޗަށް ނުކުންނައިރު އިމޯބިލޭއަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައި ވުމަކީ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީއަށް ފޫބައްދަން އުނދަގޫ ކަމަކަށް ވެދާނެއެވެ. ގޯލާއި ރައްޓެހި ފޯވާޑް އަކީ އެންމެ ފަހުން ބޭއްވުނު ޔޫރޯ ފުޓްބޮޅަ މުބާރާތް އިޓަލީ ކާމިޔާބު ކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

އިމޯބިލޭއަށް އަނިޔާވެ މިރޭ ސްޕެއިންނާއި ދެކޮޅަށް ނުކުޅެވޭއިރު، އޭނާގެ ބަދަލު ސްކޮޑަށް ނަގާފައިވަނީ ޒުވާން ފޯވަޑް މޮއިސް ކީންއެވެ. މޮއިސް ކީން އަކީ މިފަހަރުގެ ސީޒަނަށް ޔުވެންޓަސްއަށް ބަދަލުވެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

މިރޭ އިޓަލީއާއި ސްޕެއިން ބައްދަލުކުރާ މި މެޗު ކުޅޭނީ މިލާންގެ ސަންސީރޯ ސްޓޭޑިއަމްގައެވެ. މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން 11:45 ގައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް