އަހުލާގު މި ލެވެލަށް ވެއްޓުނީމާވެސް ކިޔާންވީ އިއްޒަތްތެރި މެންބަރު ތޯއެވެ!؟

އެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެ މެންބަރުންނަށް ލިބެންޖެހޭ އިއްޒަތާ ޤަދަރާ ނުލިބޭކަމަށް ވިދާޅުވެ ބޮޑާހާކަނީއެވެ. އަނެއްކޮޅުން މި އިވެނީ، މެންބަރަކު މަޖިލީހުގައި ކުރިމަތިފަ...

06 Oct 2021 | 11:54

އެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެ މެންބަރުންނަށް ލިބެންޖެހޭ އިއްޒަތާ ޤަދަރާ ނުލިބޭކަމަށް ވިދާޅުވެ ބޮޑާހާކަނީއެވެ. އަނެއްކޮޅުން މި އިވެނީ، މެންބަރަކު މަޖިލީހުގައި ކުރިމަތިފަރާތް ދައްކައި އެހެން މެންބަރަކަށް ޖިންސީ ފުރައްސާރަ ކުރި ވާހަކައެވެ. އިއްޒަތާ ޤަދަރާ ނުލިބޭކަމަށް ވިދާޅުވާ އިރު، އިއްޒަތް މުޅިން ލުހިގެންދާ ފަދަ ދަށު ދަރަޖައަަކަށް މެމްބަރެއްގެ އަމަލުތައް ދިއުމުން ދެން ދެވޭނެ އެއްވެސް އިއްޒަތެއް ނޯންނާނެ ނޫންތޯއެވެ؟

އާނއެކެވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުން ލިބިދީފައި އޮންނަ އިމްތިޔާޒްތަކަށް އިހްތިރާމް ކުރުމެއް ނެތި، އިއްޒަތް ނުލިބި ނިކަމެތި ކުރަމުންދާ ކަމުގެ ޝަކުވާއާ އެކު ހިޔާލުތަފާތުވުންތަކެއް ހޫނުވެ މެމްބަރުންތަކެއް މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުން ދާ ދަނޑިވަޅެއްގައި އާންމު އިޖުތިމާއި މިންގަނޑާ މުޅީން ހިލާފަށް މެމްބަރަކު އޮރިޔާންވުން ވެގެންދާނީ ބޮޑު ހުތުރަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މަޖިލީސް ތެރޭގައި ކުރިމަތި ފަރާތް ދެއްކެވިކަމަށް ބުނާ މައްސަލައެއް ފެންމަތިވުމަކީ ލަދުވެތި ކަމެކެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާ ދެމެދު ހިނގި ޒުވާބަކަށްފަހު މެންބަރު ނާޒިލް ކުރިމަތިފަރާތް ދައްކާވާފައި ވަނީ "މި ވީޑިއޯ ކޮށްބަލާށޭ" ކިޔާފައެވެ. އެމްޑީޕީ އެތެރޭގެ ތިންތިހާބުގައި މެންބަރު ނާޒިލް ވާދަކުރެއްވި ދާއިރާގެ ވޯޓު އަމިއްލައަށް ގުނާ ތަން ފެންނަ ވީޑިއޯއެއް އާއްމުވެފައިވެއެވެ. މެންބަރު ނާޒިލް ތުހުމަތު ކޮށްފައި ވަނީ އެ ވީޑިއޯ ކުރީ މެންބަރު އަސްލަމް ކަމަށެވެ. މި މައްސަލަ އިމްތިޔާޒާއި ބެހޭ ކޮމެޓީއަށް ހުށަހެޅި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް މައުލޫމަތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން އާންމުންގެ ފާޑިކިޔުން ނާޒިލްއަށް ވަނީ އަމާޒުވެފައެވެ. އަދި މިކަމަކީ ކުށަކަށްވާއިރު ނާޒިލްއާމެދު އެއްވެސް ފިޔަވަޅެއް އެޅުއްވިތޯ ފުލުހުންގެ މީޑިއާ ގުރޫޕްގައި މީޑިއާތަކުން ގެންދަނީ ސުވާލުކުރަމުންނެވެ. ނަމަވެސް ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

މިއީ އަހަރެމެން އިއްޒަތްތެރިކަން އަރުވައިގެން ތިބި މެމްބަރެއްގެ އަމަލު ހުރި ގޮތެވެ. މި ވަރު ވީމާ ގަވާއިދުގައި ލިއެގެން އެކަކު އަނެކަކަށް "އިއްޒަތްތެރި" ކިޔަން މަޖުބޫރު ކުރުވާފައިވީ ނަމަވެސް ރާއްޖޭގެ މަޖިލިސް މެމްބަރުންނަށް ހަގީގީ މާނައިގައި އިމްތިޔާޒު ނުލިބޭނެތާއެވެ. ގާނޫނުގައި ލިއެފައި އޮންނަ "އިއްޒަތްތެރި" ކަމުގެ އިހްސާސް ބޭރު ތެރޭގައި ކުޑަކޮށް ވެސް އިހުސާސް ނުވަނީ މިހެންވެ ތޯއްޗެކެވެ؟

ރައަްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ތެދެކެވެ. "އިމްތިޔާޒާއި އިއްޒަތް" އެއީ ރައްޔިތުން ދޭ އެއްޗެކެވެ. މެމްބަރުން "ބޮޑޭ ހެދެން އުޅޭވަރުން" ހިތްހަމަނުޖެހުން އެބައޮތެވެ. ދާއިރާތަކުގެ ރައްޔިތުންގެ ފަރާތުން އިހްތިރާމް ނުލިބެނީ މެމްބަރުން އުޅުއްވާ ގޮތުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް