ފެނަކައިގެ މުވައްޒަފުންނާއި މެނޭޖްމެންޓު އޮތީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއެކުގައިކަން ހާމަކޮށްދިނުމުގެ ގޮތުން އެ އޮފީހުގެ އެންމެން އޮފީހަށް މިއަދު ދިޔައީ ރަތް ހެދުމުގަ އެެވެ.
މިއީ މިހާރުކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ތަރުހީބު ދިނުމުގެ ފޯރި އިތުރުކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރި ކަމެކެވެ.
އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ތިންވަނަ ފަހަރު - މީ އެފަހަރު” މިފަހަރުވެސް ފެނަކައިގެ އެންމެހައި މުއައްޒަފުން ޤައުމީ ރޫހާއި، ޤައުމީ ޖޯޝާއި، ޤައުމީ ފޯރީގައި މިތިބީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމާއި އެކު." މިފަދައިން ނެވެ.
https://twitter.com/TeamFenaka/status/1445671301910130697
ފުޓްބޯޅައިގާ ދިވެހީންނަކީ އަބަދު ވެސް ޖާނާއިމާލުން ކަށިހިތްވަރު ނެރޭ ބައެކެވެ. ޚާއްސަކޮށް ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ސަޕޯޓަރުން ދަނޑު ފުރާލަނީ ގައުމީ ޖޯޝުން ފުރިގެން ނެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަނީ ހަމައެކަނި މާލޭގައި ކަމުން މިއީ ތިންވަނަ ފަހަރަށް ތަށި އުފުލާލަން ތިބޭ ރަނުގެ ފުރުސަތަކަށްވާ ހިނދު، މުޅި ގައުމު އޮތީ މިކަމަށް އެދި ގޮވަގޮވަ އެވެ.
މި މުބާރާތުގައި ރާއްޖެ މިހައިތަނަށް ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވެފައިވީނަމަވެސް، ވަރުގަދަ ކުޅުމެއް ވަނީ ދައްކާފަ އެެވެ. އެހެންވެ، އުއްމީދު ވެސް ބޮޑެވެ.
އެކަމަކު ރާއްޖެއަށް މިހާރުއޮތް އެންމެބޮޑު ގޮންޖެހުމަކީ ކުރިއަށް ހުރި މެޗުތައް ކާމިޔާބު ކުރުމެވެ. މިކަން އެންމެރަނގަޅަށް ކާމިޔާބުވާނީ ބާރަވަނަ ކުޅުންތެރިޔާ ކަމަށްވާ ސަޕޯޓަރުންގެ އެހީތެރިކަމާވެސް އެކުގަ އެވެ.
އެހެންކަމުން ވަރަށް ގިނަ ރައްޔިތުން އަންނަނީ މިކަމަށް ތައްޔާރުވަމުން ނެވެ. އަދި އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ ތައްޔާރުވަމުން ނެވެ.
ރާއްޖޭގ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ދެވަނަ މެޗު އޮންނާނީ މާދަމާ ރޭ9 ޖަހާ އިރު އެވެ. މި މެޗުގައި ބައްދަލުކުރާނީ ސްރީލަންކާ އާ އެވެ.
ސްރީލަންކާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވެފައިވާ އިރު، ދެވަނަ މެޗުން ބަލިވީ ނޭޕާލް އާ ކުޅެއެެވެ. އެހެންކަމުން މިއިން ރާއްޖެއަށް ވުރެ، މެޗުގެ ޕްރެޝަރ ބޮޑީ ލަންކާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް