އުއްމީދުގެ ރިޔާސަތުގައި ހިމެނޭ ފަސް ދޯދި ފެށިފައިވަނީ މި ދިވެހިރާއްޖެއިން: ޝާހިދު

އުއްމީދުގެ ރިޔާސަތުގައި ހިމެނޭ ފަސް ދޯދި ފެށިފައި ވަނީ މި ދިވެހިރާއްޖެއިން ކަމަށް އދ ގެ 76 ވަނަ ސެޝަންގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެެވެ. ޝާހިދު މިހެން ވިދާޅުވީ އދގެ އާންމު މަޖިލީހުގެ 76 ވަނަ...

06 Oct 2021 | 09:22

އުއްމީދުގެ ރިޔާސަތުގައި ހިމެނޭ ފަސް ދޯދި ފެށިފައި ވަނީ މި ދިވެހިރާއްޖެއިން ކަމަށް އދ ގެ 76 ވަނަ ސެޝަންގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެެވެ.

ޝާހިދު މިހެން ވިދާޅުވީ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިޘިއްޔަތުން ރާއްޖެއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވި ޖޮއިންޓް ނޫސްވެރިިންގެ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އުއްމީދުގެ ރިޔާސަތުގައި ހިމެނޭ ފަސް ދޯދި އެއީ ރާއްޖޭގެ ގޮނޑުދޮށްތަކަށް ދޭ ނަލަ، ރީތި، އަލީގެ ތެރެއިން އދގެ މަޖިލީހަށް ގެންގޮސްދޭ ދިވެހިންގެ ފަސް ދޯދި ކަމަށެވެ.

ޝާހިދު ވިދާޅުވީ މިފަދަ ފުރުސަތެއް ރާއްޖެއަށް ލިބިގެން ދިޔައީ ރައީސް ސޯލިހްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ތެރެއިން ކަމަށާއި ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް 17 ނޮވެމްބަރުގައި ކަނޑައެޅި ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި އެއީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ކުރެއްވި މަސައްކަތަކާއި، ޑިމޮކްރެސީ ވަރުގަދަ ކުރުމަށް ފެއްޓެވި މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއަށް މި ފުރުސަތު ލިބުނީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމަށް ވިޔަސް ފަޚުރުވެރިކަމާއެކު ބައިނަލްއަގްވާމީ ދާއިރާގައި ކޮޅަށް ތެދުވެ ބަސް ބުނަން ކެރޭ ގައުމެއްގެ ގޮތުގައި ހެއްދެވުމަށް ރައީސް ސޯލިހް ފެއްޓެވި މަސައްކަތުގެ ސަބަބުން. އަދި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ޒުވާނުންގެ ދައުރު އިތުރު ކުރުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ދިވެހި ޒުވާނުންގެ ފަރާތުން ތައްޔާރު ކޮށްފައިވާ ލިޔުންތައް ލިބި، އެކަމާ ބެހޭގޮތުން މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގެ ޒުވާން ކުދިންނާއި، ސިޓީތައް ލިޔުނު ބައެއް ކުދިންނާ ބައްދަލު ކޮށްލުމުގެ ފުރުސަތެއް މިއަދު ލިބިވަޑައިގަންނަވާކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ އެއީ މި ދަތުރުގައި ލިބޭނެ ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވަނީ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިޘިއްޔަތުން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ދިވެހިންގެ ނަމާއި ޝަރަފު ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން އަރުއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް