ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދި ދެވަނަ މައްސަލައެއް ހުށަހެޅުމުން ވެސް އެ ހުއްދަ ދޫނުކުރަން ހައި ކޯޓުން ނިންމައިފި އެވެ.
އޭނާގެ މައްޗަށް މީގެކުރިންިވަނީ ޖިންސީ ގޯނަތަކެއްގެ މައްސަލައިގައި ދައުވާ އުފުލާފަ އެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގެންފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެފަހުން އޭނާ ރާއްޖެ ވަޑައިނުގަންނަވަ އެވެ.
ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ހާޒިރުވެޑައިގެންނުގަނެ ހުއްޓާ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނުތަކާއި ޚިލާފުވެގެން އެޤައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ.
ސުޕްރީމްކޯޓުގެ ހުރުމަތް ކަނޑައިގެން 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ އިރު، އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރު ވެސް ކޮށްފަ އެވެ.
އަލީގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެންމެ ފުރަތަމަ އެދުނީ ކްރިމިނަލް ކޯޓުގަ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ނިންމީ އަލީ ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އެހެންވެ، ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރީ ހައި ކޯޓުގަ އެވެ. މިއީ ހައިކޯޓުން މި މައްސަލައިގައި ގޮތް ނިންމި ތިން ވަނަ ފަހަރެވެ. އަދި މިއިން ކޮންމެ ފަހަރަކު ހައިކޯޓުން ވަނީ އަމުރުނެރެދެވެން ނެތް ކަމަށް ނިންމާފަ އެވެ.
އަމުރު ނެރެދެވެން ނެތް ސަބަބެއްގެ ގޮތުގައި ހައި ކޯޓުން ބުނީ އެފަދަ އަމުރެއް ނެރެދެވޭނީ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފަހައްޓަން ބޭނުންވާ މީހާ ދިވެހިރާއްޖޭގެ އިހްތިސޯސުން ބޭރުވުމުގެ ކުރިން ކަމަށްވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް