ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ކުޅޭ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި މިރޭ ޔޫރަޕް ގެ ޗެމްޕިއަން އިޓަލީއާއި ސްޕެއިން ބައްދަލުކުރާނެއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިޓަލީ އާއި ސްޕެއިން ވާދަކުރާއިރު، މި މެޗު ކުޅޭނީ އިޓަލީގަ އެވެ. މި މެޗު ކުޅޭނީ މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގަ އެވެ.
އިޓަލީ އާއި ސްޕެއިން ވަނީ ފުޓްބޯޅައިގެ ތާރީހުގައި 33 ފަހަރު ވާދަކޮށްފަ އެވެ. އޭގެތެރެއިން އިޓަލީ ނުވަ މެޗުން މޮޅުވިއިރު ސްޕެއިން ވަނީ 12 މެޗުން މޮޅުވެފަ އެވެ. އެއްވަރުވެގެން ނިމުނީ 12 މެޗެވެ. މިދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަ ވިއިރު، ދެޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިޓަލީ ކުރި ހޯދީ 2-4 އިންނެވެ.
މި މުބާރާތުގައި ކުޅެން ހަމަ ޖެހިފައިވާ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގެ ކުޅުން އެއްވަރުވެގެން ނިމިއްޖެ ނަމަ އިތުރު ވަގުތުގެ ދެ ހާފު ކުޅޭނެ އެވެ. އެއަށް ފަހު ދެޓީމު އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު ތިން ވަނަ ހޮވާ މެޗުގައި 90 މިނެޓު ނިމޭއިރު ދެ ޓީމު އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ސީދާ ޕެނަލްޓީ ޖަހައިގެންނެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޯޗުގަލް އެވެ. ޕޯޗުގަލްގެ އިތުރުން އެ އަހަރު ފައިނަލް ބުރުގައި ވާދަކުރި ސްވިޒަލެންޑާއި އިންގްލެންޑް އަދި ނެދަލެންޑްސް އަށް މިފަހަރުގެ ފައިނަލް ބުރުން ފުރުސަތެއް ނުލިބުނެވެ. ޔޫއެފާ އިން ނޭޝަންސް ލީގު ތައާރަފްކުރީ ކުރިން ކުޅެމުން އައި ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ މެޗުތައް ވާދަވެރި މެޗުތަކަކަށް ބަދަލުކުރުމުގެ ގޮތުންނެވެ.
އިޓަލީއާއި ސްޕެއިން ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން11:45 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް