އެހެންމީހުންނަށް ލިބިފައިވާ ނިޢްމަތްތަކާމެދު ތިބާ ޙަސަދަވެރި ނުވާށެވެ.

ޙަސަދަވެރިކަމަކީ މީހުން ނަފްރަތުކުރާ ވިޔާނުދާ ސިފަ ތަކުގެ ތެރެއިން ސިފައެކެވެ. އެއީ މާތްﷲ މިންވަރު ކުރައްވާފައިވާ މިންވަރަށް އީމާން ނުވާ ކަމުގެ އަލިގަދަ ހެއްކެއްވެސްމެއެވެ. ޙަސަދަ ވެރިކަމަކީ އެހެން މީ...

06 Oct 2021 | 07:39

ޙަސަދަވެރިކަމަކީ މީހުން ނަފްރަތުކުރާ ވިޔާނުދާ ސިފަ ތަކުގެ ތެރެއިން ސިފައެކެވެ. އެއީ މާތްﷲ މިންވަރު ކުރައްވާފައިވާ މިންވަރަށް އީމާން ނުވާ ކަމުގެ އަލިގަދަ ހެއްކެއްވެސްމެއެވެ.

ޙަސަދަ ވެރިކަމަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް އެމީހެއްގެ ކިބައިން ފިލައި ދިއުމަށް ތިމާގެ ހިތް އެދުމެވެ. އަދި އޭގެ ބަދަލުގައި ތިމާއަށް އެނިޢުމަތް ލިބުމަށް އެދުންވެސްމެއެވެ. އެހެންކަމުން ޙަސަދަ ވެރިޔާއަށް ދުވަހަކުވެސް ހިތް ހަމަޖެހުމެއް ނުލިބޭނެއެވެ. އެހެނީ އަނެކެއްގެ ފަރާތުން ނިޢުމަތެއް ފެންނައިރަށް އެކަމާ ޙަސަދަ ވެރިވާން ފަށާނެއެވެ. އަދި އޭނާގެ ކިބައިން އެ ނިޢުމަތް ނެތިގެން ދިއުމަށް ބޭނުންވާނެއެވެ. މިހެން ނުވާހާ ހިނދަކު އޭނާގެ ހިތަކަށް ހަމަޖެހުމެއް އަރާމެއް ނުލިބޭނެއެވެ.

ޝައްކެއްނެތެވެ. ޙަސަދަ ވެރިކަމަކީ ބޮޑުވެގެންވާ ފާފައެކެވެ. މާތްﷲ ލައުނަތް ލެއްވި އިބްލީސް  ސުވަރުގޭގެ މަތިވެރި ނިޢުމަތުން ބޭރުކުރެވުނީވެސް ޙަސަދަވެރިކަމުގެ ސަބަބުންނެވެ. ޢާދަމް ޢަލައިހިތް ސަލާމް މަށިން އުފައްދަވާ އެކަލޭގެފާނަށް ސަޖިދަ ކުރުމަށް މާތްﷲ ހުރިހާ މަލާއިކަތް ބޭކަލުންނަށް ޢަމުރު ކުރެއްވިހިނދު އެބޭކަލުން ސަޖިދަ ކުރެއްވިއެވެ. ނަމަވެސް މާތްﷲ އެބޭކަލުންގެ ދަރަޖަ ދެއްވާފައިވާ އަލިފާނުން ހެއްދެވިގެންވި އިބްލީސް ސަޖިދަކުރުމަށް އިންކާރުކުރިއެވެ. އެއީ އޭނާގެ ކިބައިގާވާ ބޮޑާ ކަމުގެ ސަބަބުން އާދަމުގެފާނާމެދު ޙަސަދަވެރިވީމައެވެ. ޙަސަދަ ވެރިކަމުގެ އަސްލަކީ ބޮޑާ ކަމެވެ.

ހަމައެހެންމެ މާތްﷲ އެބައެއްގެ މައްޗައް ލައުނަތްލެއްވި  ޔަހޫދީން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޢީމާން ނުވީވެސް ހަމަ މި ސަބަބާހުރެއެވެ. އާދެ އެމީހުންގެ ދަރިންނަކީ ކޮބާކަން ވަކިކުރަން އެގޭފަދައިން އެކަލޭގެފާނީ ﷲ ފޮނުއްވި ރަސޫލާކަން އެމީހުންނަށް އެގޭ އިރުވެސް އެކަލޭގެފާނީ އެބައިމީހުންގެ ތެރެއިން ވަޑައިގަތް ބޭކަލަކަށް ނުވީތީވެ އެބައިމީހުން އެކަލޭގެފާނަށް އީމާނެއްނުވިއެވެ.

މާތްﷲ އޭނާގެމައްޗަށް ލަޢްނަތްލެއްވި އަބޫ ޖަހުލު ވެސް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އީމާން ނުވީ ހަމަ މި ސަބަބާ ހުރެއެވެ. އެކަލޭގެފާނަކީ ﷲ ފޮނުއްވި ރަސޫލަކުކަމަށް އޭނާއަށް އެގޭކަމަށް  ދުލުން އިޢުތިރާފުވިއެވެ. ނަމަވެސް އޭނާގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލަކަށް ނުވާތީވެ އީމާންވުމަށް އިންކާރު ކުރިއެވެ. އެމަތިވެރި ޝަރަފު އެހެން މީހަކަށް ލިބުނީތީވެ އެކަމާ ޙަސަދަވެރިވިއެވެ.

މިހިރީ ހައްތަހާވެސް ޙަސަދަވެރިކަމުގެ ނުބައި ކަންމެވެ. ރަގަޅުގޮތް ކިތަންމެ ރީއްޗައް ފެންނަން އޮތަސް ޙަސަދަވެރިޔާ އެކަމަށް އިޢުތިރާފުވުމަށް އިންކާރުކުރެއެވެ. އެހެންކަމުން މިނުބައި ސިފައިން ސަލާމަތްވެ ތިބުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެނަށް އިރުޝާދު ދެއްވާފައިވޭއެވެ. އެކަލޭގެފާނު ޚަދީޘް ކުރައްވަނީ: ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ރުޅި ނާންނާށެވެ.  އެކަކު އަނެކަކާ ޙަސަދަވެރި ނުވާށެވެ.  އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުން އަޚުންތަކެއް ކަމުގައިވާ ޙާލު ﷲ ގެ އަޅުންތަކެއްކަމުގައި ވާށެވެ.

މައުލޫމާތް: ނޫރުލް އިސްލާމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް