ސަރުކާރުގެ ބައެއް ކުންފުނިތަކުން ވިޔަފާރި ކުރާ ގޮތުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ޔައުގޫބު ވަނީ އެސްޓީއޯ އާއި އެފްއެސްއެމް، މިސާލެއްގެ ގޮތުން ނަންގަވާ ވަނީ ރާއްޖޭގެ ތެލުގެ ވިޔަފާރިއާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.
ޔައުގޫބު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ވެސް ތެޔޮ ސަޕްލައި ކޮށްދެމުންދަނީ އެސްޓީއޯއިން ކަމަށްވާއިރު، އެ ވިޔަފާރިތަކާއި ވާދަވެސް ކުރަނީ އެސްޓީއޯ އިން ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންދާއިރު، އެތަންތަނަށް ދެ ތިން ހާސް ލީޓަރުގެ ތެޔޮ ވެސް ސަޕްލައި ކޮށްދެނީ އެފްއެސްއެމް އިން . އެފްއެސްއެމް އިން ކުރަންޖެހެނީ ރީޓެއިލް ވިޔަފާރިއެއް ނޫން. ހޯލްސޭލް ވިޔަފާރިއަށް އެފްއެސްއެމްގެ އަމާޒު ބަދަލުކުރުމަކީ ވެސް ކުރެވިދާނެ ކަމެއް." ޔައުގޫބު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ކުންފުނި އުވާލުމަކީ ވެސް އޮތް ގޮތެއް ކަމަށާއި ނުވަތަ އެފްއެސްއެމް އެސްޓީއޯގެ ޑިޕާޓްމެންޓެއް ގޮތުގައި ބަދަލުކޮށްގެން ވެސް ކުދި ވިޔަފާރިތަކަށް ފައިދާވާގޮތަށް އަމާޒު ބަދަލު ކުރެވިދާނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން އާދައިގެ ކުދި ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަންނަނަމަ މުޅި އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ޔައުގޫބު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް