އދ އޮފީސްތަކުގައި ދިވެހިންނަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދުކުރަން: ރައީސް

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތުގެ ދަށުން ރާއްޖޭގެ ޒުވާނުންނަށް އދ އޮފީސްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް އިބްރާހިމް މުހައް...

06 Oct 2021 | 06:54

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތުގެ ދަށުން ރާއްޖޭގެ ޒުވާނުންނަށް އދ އޮފީސްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކުރިއަށްދިޔަ މަޝްވަރާތަކުގައި ރާއްޖެއާ އދ. އާ ދެމެދު ގުޅުންބަދަހިކޮށް އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މި ބައްދަލުކުރުމުގައި އދގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލިސް އިސްލާހު ކުރުމުގެ މަސައްކަތްތަކަށް ކުރިއެރުމެއް ލިބުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވި ކަމަށާއި، މީގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމައުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެތެރެއިން ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި އދ. ގެ ދައުރު މުހިންމުކަމަށް ދެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުރިހާ ގައުމަކަށް ހަމަހަމަކޮށް ވެކްސިން ފޯރުކޮށްދިނުމުގައި އދ. އާންމު މަޖިލީހުގެ ރައީސް ޝާހިދު ގެންގުޅުއްވާ ސިޔާސަތަށް މަރުހަބާ ދަންނަވާފައިވެއެވެ.

ރައީސް ސޯލިހް ވަނީ އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދުގެ ރިޔާސަތުގައި ޒުވާނުންގެ ބައިވެރިކުރުވުން އިތުރުކުރުވާ ޒުވާނުން ޒިންމާދާރު ކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ. އަދި ޝާހިދުގެ ޒައާމަތުގައި ރާއްޖޭގެ ޒުވާނުންނަށް ފުރުސަތުތަކެއް ފަހިވާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މިގޮތުން މަނިކުފާނު އިއުލާނު ކުރައްވާފައިވާ ފެލޯޝިޕްގެ ދަށުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ފޮރިން ސާވިސް އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފުރުސަތު ހުޅުވިގެންދިއުމަކީ ޒުވާނުންގެ ކުރިމަގު އުޖާލާވެ އެކުދިންގެ މުސްތަގުބަލް ރަނގަޅު ވެގެންދާނެ ކަމެއް. ހާއްސަކޮށް ރާއްޖޭގެ ޒުވާނުންނަށް އދ އޮފީސްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދުކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފައިވަނީ ރައީސްގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައެވެ. މި ރަސްމީ ދަތުރުފުޅަކީ މި މަހުގެ 6 އިން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް