ޖީބުގައި ޑޮލަރު ހުރި މަސްވެރިޔަކާ ޝިޔާމްއާ އަދި ދިމާނުވޭ!

އެމްޑީޕީން ވައުދުވެފައިވާ ގޮތަށް ޖީބަށް ޑޮލަރު ވަތް މަސްވެރިޔަކާ އަދި ދިމާނުވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މެމްބަރު ޝިޔާމް މިހެން...

06 Oct 2021 | 06:53

އެމްޑީޕީން ވައުދުވެފައިވާ ގޮތަށް ޖީބަށް ޑޮލަރު ވަތް މަސްވެރިޔަކާ އަދި ދިމާނުވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ނެވެ.

ޝިޔާމް ވިދާޅުވީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައި މިސަރުކާރުން ލިޔެފައިވާ ވައުދުތަކަށް ވީޑިއޯ ހަދާ އެކި ބޭފުޅުން އަރާ ވަރަށް ރީއްޗަށް ކިޔާދީފައިވާ ކަމަށެވެ.

އެގޮތުން "ނޫ އިގްތިސާދެއްގެ ވާހަކަ" ވެސް ދެއްކި ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ކަމާއި ހަމައަގު މަސްވެރިންނަށް ހޯދައިދޭނެ ވެސް ވައުދުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ތިން އަހަރު ވެގެންދިޔައިރު ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރެވިއްޖެ، ވަރަށް ގިނަ މަސްވެރިން އަޅުގަނޑުމެންނާ ވެސް ގުޅާ. ޑޮލަރެއް ވަތް މަސްވެރިޔަކު އަދި ދިމައެއް ނުވޭ" ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިންގެ ޖީބަށް ޑޮލަރު ވަދެފައި ނުވާއިރު ބާނާ މަސްކޮޅު ކިރާ ނުލެވޭ ވާހަކަ ވަރަށް ގިނަ މަސްވެރިން ބުނާ ކަމަށާއި އެގޮތުން ބާނާ މަސްކޮޅު ތިން ހަތަރު ދުވަސް ވަންދެން ކިޔޫގައި ތިބެގެން ކިރުމުން ފައިސާ ނުދީ ކަރުދާސްކޮޅެއް ދޭ ވާހަކަ މަސްވެރިން ބުނާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ނޫ އިގުތިސާދުގެ ދަށުން އިންޑިޔާ ސަރުކާރުގެ އެހީގައި ދެ މަސް ފެކްޓްރީ ތަރައްޤީކުރަން އިއުލާން ކުރި ކަމަށާއި އޭގެ ބަދަލުގައި ރާއްޖޭގެ ހަތަރު ސަރަހައްދު އިންޑިޔާއަށް ލިޔެދީފައިވާ ކަމަށެވެ.

ހއ. ދައްޕަރު ސަރުކާރުގެ އިހްތިސާސުން ބޭރު ކުރިއިރު އޮތީ ސެކަންޑް ހޯމްގެ ދަށުން ވިއްކާފައި ކަމަށާއި މާދަމާ އެތަނަށް ބަދަލު ހޯދަން އިންޑިޔާއިން އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް