ސައުތް އިންޑިއާގެ މަޝްހޫރު އެކްޓްރެސް ވިދްޔުލެކާ ރަމަން ހަނީމޫނަށް ރާއްޖެ އައިސް ބިކިނީ ލައިގެން ފޮޓޯއެއް ނެގުމުން ސަޕޯޓަރުންނަށް ގޯސްވެއްޖެ އެވެ.
ވިދްޔުލެކާ އާއި ލޯބިވެރިޔާ ސަންޖޭ ކައިވެނި ކުރީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާ ރިސޯޓުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.
ޗުއްޓީ އަށް އައި ފަހުން ވިދްޔުލެކާ ވަނީ ރިސޯޓުގެ ހިތްގައިމު މާހައުލުތަކުގައި ނަގާފައިވާ ރީތި ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުގައި ވަރަށް ނިވާކަން ބޮޑު ހެދުންތަކެއް ލައިގެން ހުރި ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވީ ބިކިނީ އެއް ލައިގެން ނެގި ފޮޓޯއަށެވެ.
އެ ފޮޓޯގައި އޭނާ އިނީ ގޮޑުދޮށުގައި ރާޅުފެންފޯރާ ހިސާބުގައި ރީނދު ކުލައިގެ ބިކިނީއެއް ލައިގެން އިށީނދެގެންނެވެ. އަދި ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވަނީ އަހަރު އެއްކޮށް އެގޮތަށް ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ކަމަށެވެ.
މި ފޮޓޯ އާއި އެކު ސަޕޯޓަރުން ވަނީ އޭނާ ވަރިކުރަނީ ކޮންއިރަކުތޯ ސުވާލު ކޮށްފަ އެވެ.
https://www.instagram.com/p/CUkWMfrlqk9/
އެ ކޮމެންޓުތައް އެގޮތަށް އައުމުން ވަރަށް ހިތް ހަމަ ނުޖެހުގެން ހަމަ އެ ޕޯސްޓަށް އޭނާ ވަނީ ރައްދުދީ ކޮމެންޓު ކޮށްފަ އެވެ. ވިދްޔުލެކާ ބުނީ އަމިއްލައަށް ދިރިއުޅެ އެހެން މީހުން ދިރިއުޅުނަ ދޭން އެދޭ ކަމަށެވެ. އޭނާ ބުނީ ދެކޮޅަށް ކޮމެންޓު ކުރުން އޭނާއަށް ހަޖަމް ކުރެވޭނެ ކަމަށާއި އެކަމަކު ލައިގެން ހުރި ހެދުމަކާއި ގުޅޭގޮތުން ކޮމެންޓު ކުރުމަކީ ތަފާތު ކަމެއް ކަމަށެވެ.
އެގޮތުން 1920 ވަނަ އަހަރު ބޭބެއިންނާއި ދައިތައިން ގެންގުޅޭ ފަދަ ބޯދާ ވިސްނުންތައް ދޫކޮށްލައި ޒަމާނާއި އެއްވަރަށް ތަރައްގީވާން ޖެހޭ ކަމަށް ބުންޏެވެ. އޭނާ ބުނީ މިއީ 2021 ވަނަ އަހަރު ކަމަށާއި މިހާރު ހެދުން އަޅާގޮތަށް ފާޑުކިޔުމަކީ ދަށުދަރައިގެ ކަމެއް ކަމަށެވެ.
އަދި ބުނީ އެ ފޮޓޯއަށް ލިބެމުންދާ ކޮމެންޓުތަކަށް އަޅާ ނުލުމަށް ފިރިމީހާ ސަންޖޭ އެދުނު ކަމަށެވެ. އެކަމަކު އަނގައިން ނުބުނެ ނުހުރެވުނީ ކަމަށާއި އަންހެން މީހާ ހެދުން އަޅާ ގޮތަކީ އުފާވެރި ކައިވެންޏެއް ނުލިބެންވީ ނުވަތަ ދެމީހުން ވަރިވާން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.
ވިދްޔުލެކާ ވަނީ ތަމަޅަ އަދި ތެލެގޫގެ މަޝްހޫރު ފިލްމުތަކެއް ކުޅެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް