އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ސޭމް އަސްގަރީ ކައިވެނި ކުރާނެ ތަނެއް ހިޔާރު ނުކުރެވިގެން ސަޕޯޓަރުންގެ އެހީއަށް އެދިއްޖެ އެވެ.
މި ދެމީހުން އެންޖޭޖްވިކަން އިއުލާނު ކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ.
ބްރިޓްނީ އާއި ސޭމް މިވަގުތު ދަނީ ފްރެންޗް ޕޮލިނީޝިއާގައި ޗުއްޓީ ހޭދަކުރަމުންނެވެ. ދަތުރުގެ ތެރެއިން ބްރިޓްނީ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ ކައިވެނި ކުރާނީ ކޮންތަނެއްގައި ތޯބުނާކަށް އެއްގޮތަކަށްވެސް ނޭނގޭ ކަމަށެވެ.
އެހެން ބުނުމަށް ފަހު އޭނާ ވަނީ ކައިވެނި ކުރަން އިޓަލީ، ގްރީސް، އޮސްޓްރޭލިއާ ނުވަތަ އެމެރިކާގެ ނިއު ޔޯކްވެސް ހިތަށް އަންނަކަމަށް ބުނެފަ އެވެ. ބްރިޓްނީ ބުނީ މިހާރު އޮތް އެންމެ ބޮޑު މައްސަލަ އަކީ ކައިވެނިކުރާނެ ތަނެއް ކަމަށެވެ.
ބްރިޓްނީއަށް ހަދާނެ ގޮތެއް ބުނެދިނީ ސޭމް އެވެ. އޭނާ ބުނީ ކައިވެނި ކުރާނެ ތަނަކާ ބެހޭ ގޮތުން ސަޕޯޓަރުންގެ ހިޔާލަށް އެދެވިދާނެ ކަމަށެވެ. އެހެން ބުނުމުން ބްރިޓްނީ ވަނީ އެއީ ރަނގަޅު ގޮތެއް ކަމަށްބުނެފަ އެވެ.
https://www.instagram.com/p/CUoDBY5Jque/
އިންސްޓަގްރާމްގައި 35.1 މިލިއަން މީހުން ބްރިޓްނީ ފޮލޯ ކުރެ އެވެ. އަދި ބްރިޓްނީގެ އެ ޕޯސްޓަށް މިހާތަނަށް 199،000 އަށްވުރެ ގިނަ މީހުން ލައިކްދީފައިވާއިރު ނުވަ ހާހާއި ގާތްކުރާ އަދަދަކަށް މީހުން ކޮމެންޓު ކޮށްފައިވެ އެވެ.
ދެމީހުން ކައިވެނި ކުރާނެ ތަނެއް ނޭނގިގެން އުޅޭއިރު މި ދެމީހުން ކައިވެނި ކުރުމުގައި އިތުރު މައްސަލަތަކެއްވެސް އެބަ އުޅެ އެވެ. އެއީ ސޭމް އަކީ ބްރިޓްނީއަށްވުރެ 13 އަހަރު ހަގު މީހަކަށް ވާތީ ޖެހިގެން އުޅޭ މައްސަލައެކެވެ.
ބްރިޓްނީގެ މެންޓަލް ހެލްތުގެ މައްސަލައިގަ އޭނާ ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭ މީހާގެ ގޮތުގައި ކައިވެންޏަށް ފަހު ސޭމް ހަމަޖެއްސަން ޖެހެނީ ކޯޓު މެދުވެރިކޮށެވެ. އެހެންވެ އެ ކައިވެނި ކުރުމާއި އިތުރު ދަރިން ހޯދުމުގެ މައްސަލައިގަ ކޯޓު މެދުވެރިކޮށް ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބްރިޓްނީ ބުނެފައިވެ އެވެ.
މީގެ ކުރިން އެ ޒިންމާ އޮތީ ބައްޕަ ޖެމީ ސްޕެއާ އަށެވެ. 13 އަހަރު ފަހުން ބައްޕަގެ "ކޮންޒަވޭޓަޝިޕް" އިން ވެސް އޭނާ މިހާރު ހުރީ މިނިވަންވެފަ އެވެ.
ބްރިޓްނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާއިރު ދެ ވަނަ ކައިވެންޏަށް ދެ ކުދިން ލިބިފަ އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް