ނިލަންދޫގައި ވިޔަފާރިވެރިއަކު ރަށުން ބާލަން ރައްޔިތުން ނިކުމެއްޖެ
ފ. ނިލަންދޫގައި ވިޔަފާރިވެރިއަކު ރަށުން ބާލަން އެ ރަށު ރައްޔިތުން ނިކުމެއްޖެއެވެ.
ނިލަންދޫގައި ހިނގާ ކަންކަން ގެނެސްދޭ ފޭސްބުކް ޕޭޖެއް ކަމުގައިވާ ނިލަންދެ (ޑޮޓް) ކޮމްގައި ބުނެފައިވާގޮތުގައި ރައްޔިތުން ނިކުތީ އެ ރަށުގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރިކުރާ ކ އަތޮޅު ރަށަކަށް ނިސްބަތްވާ މީހަކު އެ ރަށުން ބޭލުމަށެވެ.
އެ ވިޔަފާރިވެރިޔާ ރަށުން ބޭލުމަށް ރައްޔިތުން މަސައްކަތް ފަށާފައިވަނީ އެ ވިޔަފާރިވެރިޔާ އިސްވެ ހުރެ ނިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ގިނަ ޒުވާނުންތަކެއް އެ ވަބާގައި ޖައްސަމުންދާކަމުގެ ތުހުމަތުގައި ކަމަށް އެ ޕޭޖްގައި ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ އެ ކަމުގައި ރަށުގެ ކުދި ބޮޑު އެންމެން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ވިޔަފާރިވެރިޔާ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.
"ރައްޔިތުން ބުނަނީ އެ ވިޔަފާރިވެރިޔާ މިހާރުން މިހާރަށް ރަށުން ބޭރު ކުރުމަށް، އަދި ރައްޔިތުން ބުނަނީ މަސްތުވާތަކެތި ބޭނުންކުރާ އެންމެން ރަށުން ބޭރު ކުރާނެ ކަމަށް" ކައުންސިލް ނައިބު ރައީސް ވިދާޅުވިއެވެ.
ކައުންސިލް ނައިބު ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން އެ ނިކުތީ ވަރަށް މާތް މަގްސަދެއްގައި ކަމަށާއި އެ މަގްސަދަކީ ރަށުން މަސްތުވާތަކެތީގެ ވަބާ ނައްތާލުން ކަމަށެވެ. އަދި ކޮންމެ ރެއަކު މީހަކު ރަށުން ބޭރުކޮށް އެ ވަބާ ރަށުން ނައްތާލާނެކަމަށް ރަށު ރައްޔިތުން ބުނާކަމަށް ކައުންސިލް ނައިބުރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް