މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު ޓޫރިސްޓު އޮކިއުޕެންސީ ހުރީ 63 ޕަސެންޓުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ އޮކިއުޕެންސީ ރޭޓް މިއަހަރު އެވަރެޖްކޮށް ހުރީ 62.6 ޕަސެންޓުގައި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އޮކިއުޕެންސީ އެވަރެޖްކޮށް ހުރީ 60.7 ޕަސެންޓުގައި އެވެ.
މިއަހަރު އޮކިއުޕެންސީ އެންމެ މަތިވެފައިވަނީ 81 ޕަސެންޓަށެވެ. އެއީ ފެބްރުއަރީ މަހު އެވެ. އޮކިއުޕެންސީ އެންމެ ދަށްވީ ޖޫން މަހު އެވެ. އެއީ 44 ޕަސެންޓަށެވެ.
އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 972،839 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މުއްދަތާ އަޅާބަލާ އިރު 9.1 ޕަސެންޓްގެ ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އޮގަސްޓް މަހާ ހަމައަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައި ވަނީ 6،270،308 ދުވަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާ އިރު 12 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ޓޫރިސްޓުން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކޮށްފައި ވަނީ 6.4 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް