ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.
ފައިސާގެ އިނާމުގެ ގޮތުގައި 25000 ރުފިޔާ ހުށަހަޅާފައިވާ މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 13:00 އާ ހަމައަށެވެ.
ޔޫތު މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަހަރުގެ ޒުވާނުންގެ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު 10 ދާއިރާއަކުން ނެވެ. ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ހާއްސަ އެވޯޑާއި، ސެޓްފިކެޓްގެ އިތުރުން ފައިސާގެ އިނާމުގެ ގޮތުގައި 25000 ރުފިޔާ ދޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.
މާލޭގައިނަމަ އެޕްލިކޭޝަން ހުށަހަޅާނީ މާފަންނު ޔޫތު ސެންޓަރު އަދި ޔޫތު މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ރަށްރަށުން އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އެ ރަށްރަށުގެ ޔޫތު ސެންޓަރު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ،
ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްފަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުންވެސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް