ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގައި މައްސަލައަކީ ކޮންމެހެން ސްޕޯޓްސް ކާރު ނޫން ކަމަށާއި މައްސަލައަކީ ކުށްތައް ކުރާ ފަރާތްތައް އަލުން އަނބުރާ މުޖްތަމައަށް ދޫވާ ދޫވުން ކަމުގައި ޑްރިފްޓް އެސޯސިއޭޝަނުން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުކައިރިން ރޭ ދަންވަރު ހިނގި އެކްސިޑެންޓާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ޑްރިފްޓް އެސޯސިއޭޝަންގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބާރު ސްޕީޑުގައި މަގުމަތިން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުބަލާ ކާރާއި ސައިކަލު ދުއްވުމަކީ އެ އެސޯސިއޭޝަނުން އަބަދުވެސް ކުށްވެރިކުރާ އަމަލެއްކަމަށާއި އަދި މިގޮތަށް ޤާނޫނާއި ޚިލާފަށް ދުއްވާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް އަބަދުވެސް އެ އެސޯސިއޭޝަނުން ގޮވާލާ ކަމަށެވެ.
"ނަމަވެސް ފަހަކަށް އައިސް އެކްސިޑެންޓްތަކުގައި ސްޕޯޓްސް ކާރުތައް ބަދުނާމު ކުރަމުންދާކަން ފާހަގަކުރެވިފައިވޭ، މިކަމަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ، މައްސަލައަކީ ކުށްކުރާ ފަރާތްކަން، މައްސަލައަކީ ވެހިކަލެއް ނޫންކަން، އަދި މިކަހަލަ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުލިބި މުޖްތަމައުތެރޭގައި އަނެއްކާވެސް ދޫވެގެންދާކަން" ޑްރިފްޓް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އެ އެސޯސިއޭޝަނުން ބުނެފައިވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން އަދި ލައިސަންސް ނެތި އުޅަނދުފަހަރު މަގުމަތީގައި ބިރެއްނެތި އުޅެންފެށުމަކީ މިކަހަލަ އެކްސިޑެންޓްތައް ގިނަވެގެންދާ އެންމެ ބޮޑު ސަބަބު ކަމުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާކަމަށާއި މިހެންކަމުން ވީހާވެސް ހަރުކަށި ފިޔަވަޅުތައް ކުށްކުރާ މީހުންނަށް އެޅި، މުޖުތަމައު ތެރެއަށް އަނބުރާ ދޫކޮށްލުމުގެ ކުރިން އެމީހުންނަކީ މުޖުތަމައުގައި އުޅެން އެކަށީގެންވާ ބައެއްކަމުގައި ޔަގީންކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލ. އިސްދުއަށް ނިސްބަތްވާ، އުމުރުން 23 އަހަރުގެ ހަސަން ސަމާހު ވަނީ ނިޔާވެފައެވެ.
ސަމާހު ނިޔާވީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ބާރަށް ދުއްވަމުންދިޔަ ސްޕޯޓްސް ކާރަކުން، ސަމާހު އިން ސައިކަލުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު އަނިޔާއަށް، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ސަމާހު އެ ވަގުތު ހުޅުމާލޭގައި ހަރަކާތްތެރިވަމުންދިޔައީ ޓީއެފްޖީއިން އިންތިޒާމުކޮށްގެން ރޭ ދަންވަރުން ފެށިގެން މިއަދުގެ ހެނދުނާއި ހަމައަށް ކުރިއަށްގެންދިޔަ ބޮޑު5، ދުވުމުގެ ރޭހުގައި ބައިވެރިއެއްގެ ގޮތުގައެވެ. ސަމާހު ތައްޔާރުވަމުންދިޔައީ އެ ރޭހުގައި މެރަތަންއެއް ދުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް