ގައުމީ ބަތަލު މުހައްމަދުތަކުރުފާނުގެ ސިޔަރަތުން އަދުގެ ޖީލު ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ ހއ. އުތީމުގައި ކުރިއަށްދިޔަ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މުޙައްމަދުތަކުރުފާނުގެ ސިޔަރަތުން އަދުގެ ޖީލު ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށާއި، މުޙައްމަދު ތަކުރުފާނަކީ ހިތްވަރާއި އަޒުމުގެ މަދަރުސާއެއްކަމަށާއި ޤައުމު ދެކެ ލޯބިވުމާއި ދީނަށް ވަފާތެރިވެ އަގީދާއަށް އަމާނާތްތެރިވުމުގެ މަތިވެރި ނަމޫނާއެއް ދެއްކެވި ޝަޚުސިއްޔަތެއްކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާަޅުވީ، އުތީމަކީ ދިވެހި އުއްމަތަށް، ޒަޢާމަތެއް ނެރުއްވި މަދަރުސާއެއްކަމަށާއި ރަށް ކުޑަނަމަވެސް ފަޚުރުވެރި ތާރީޚުގައި އުތީމުގެ ނަން ލިޔެވިފައި އޮތީ ރަން އަކުރު ކަމަށެވެ. އަދި މިއަދުވެސް އެފަދަ ޝަހުސިއްތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއްނެތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ޤައުމުން ބީވެގެންދާ އިސްލާމީ ސަގާފަތާއި ރިވެތި އާދަކާދައާއި އަޚްލާގު ދިރުވުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ މިއަދު ޤައުމު އިންތިހާއަށް ބޭނުންވާ ތަސައްވުރެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް