މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ)ގެ އިޖުތިމާޢީ ޒިންމާ (ސީ.އެސް.އާރް)ގެ ދަށުން، "Y4U60"ގެ 11 އިންޖީނު ދިވެހިރާއްޖޭގެ ޓްރޭނިންގ އިންސްޓިޓިއުޓްތަކަށް ހަދިޔާކޮށްފިއެވެ.
މިއަދު އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި ބޭއްވި ޙަފްލާއެއްގައި، އިންޖީނުތައް، ޓްރޭނިންގ އިންސްޓިޓިއުޓްތަކުގެ ވެރިންނާއި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
މި އިންޖީނުތައް ހަދިޔާ ކުރެވުނު ޓްރޭނިންގް އިންސްޓިޓިއުޓްތަށް:
- ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ
- މޯލްޑިވްސް ޕޮލިޓެކްނިކް
- ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް)
- ވިލާ ކޮލެޖް
- މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ
- އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާރޝަރީ އެޑިއުކޭޝަން
- މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް
އެމްޓީސީސީ އިން ބުނާ ގޮތުގައި އެމްޓީސީސީ އާއި ޔަންމާ ކުންފުނިން ގުޅިގެން ހަދިޔާ ކުރެވުނު މި 11 އިންޖީނުގެ ޖުމްލަ އަގަކީ 4 މިލިއަން ރުފިޔާއެވެ.
މި އިންޖީނުތަށް ހަދިޔާ ކުރެވުނީ ރާއްޖޭގައި މެރިން ދާއިރާއިން ޒުވާން މެކޭނިކުން ތަމްރީނުކޮށް މިދާއިރާ ފުޅާކުރުމާއި، އަދި ޙާއްސަކޮށް ޔަންމާ އިންޖީނު މަރާމާތުކޮށް ދިމާވާ މައްސަލަތައް ދެނެގަނެ އަޙުލުވެރިވެފައިވާ ގިނަ ޒުވާނުންތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުން ތަމްރީނުކުރުމުގެ މަޤްސަދުގައި ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
ރިޔާތައް ތިރިކޮށް، ދިވެހި އޮޑިތަކުގައި އިންޖީނު އަޅަންފެށީ 1973 ވަނަ އަހަރުއެވެ. އޭރު ސަރުކާރުން ހިންގަމުންދިޔަ "މޯލްޑިވްސް އިންޖީނު ސާވިސް ސެންޓަރު" އެމްޓީސީސީގެ ދަށަށް ގެނެސް "އެމްޓީސީސީ ސޭލްސް ސެންޓަރު"ގެ ނަމުގައި ހިންގަން ފެށިއެވެ.
އަދި އޭރުގެ ސަރުކާރުގެ ބެލެމުގެ ދަށުން ކުރިއަށްގެންދިޔަ އޮޑިދޯނިފަހަރުގެ އިންޖީނު އެޅުމުގެ ހުރިހާ ކަމެއް އެމްޓީސީސީގެ ދަށަށް ބަދަލުކުރެވުނެވެ. ކުންފުނީގެ ޅަފަތުގައި ފޯރުކޮށްދެމުންދިޔަ ޚިދުމަތްތަކުގެ ތެރޭގައި ދިވެހި މަސްވެރި އުޅަނދުފަހަރަށް ޙާއްސަކޮށް ޔަންމާ އިންޖީނު ވިއްކުމާއި، އިންޖީނު އަޅައިދިނުން އަދި މަރާމާތު ކުރުމުގެ ޚިދުމަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.
އިންޖީނުލީ އޮޑީގެ ފަސޭހަތަކާއެކު މަސްވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތް ފުޅާވެ ކުރިއެރުމުގެ ސަބަބުން ވިޔަފާރިއާއި އިޤްތިސާދީ ހަރަކާތްތައް ކުރިއަރާ، ދިރިއުޅުމުގެ ހާލަތާއި ވައްޓަފާޅި ބަދަލުވާން ފެށިއެވެ . އޭރުގައި އަލަށް ފެށުނު ޓޫރިޒަމްގެ ދާއިރާ ތަރައްޤީ ވުމުގައި ވެސް އިންޖީނު އެޅި އުޅަނދުފަހަރުގެ ދަތުރުތައް މުހިންމު ދައުރެއް އަދާކުރި އެވެ. ފުރަތަމަ ރާއްޖޭގެ ދޯންޏެއްގައި އެޅި އިންޖީނުގެ ޝަރަފާއެކު މިއަދު ޔަންމާ ވެގެން ގޮސްފައިމިވަނީ ދިވެހިންގެ އިތުބާރު ހޯދާފައިވާ މަޤްބޫލް ބްރޭންޑަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް