ވާދޫ އަދި އަނގޮޅިތީމުގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. އަނގޮޅިތީމު ބަނދަރާއި، ފެނަކަ އައު އޮފީސް އަދި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތާއި ލެބޯރޓަރީ ހުޅުއްވައިދެއްވައިފިއެވެ. އަދި ރ. ވާދޫގެ އިން...

06 Sep 2023 | 08:11

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. އަނގޮޅިތީމު ބަނދަރާއި، ފެނަކަ އައު އޮފީސް އަދި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތާއި ލެބޯރޓަރީ ހުޅުއްވައިދެއްވައިފިއެވެ. އަދި ރ. ވާދޫގެ އިންޖީނުގެއާ ފެނަކަ އޮފީސް އަދި ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރި އިމާރާތްވެސް ރައީސް ހުޅުއްވައިދެއްވިއެވެ.

މި މަޝްރޫޢުތަށް ރައީސް ހުޅުވައިދެއްވީ މިހާރު ރ އަތޮޅަށް ކުރައްވަމުންދާ ދަތުރު ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ބުނެފައިވެއެވެ.

ރައީސް އިއްޔެ ހުޅުއްވައި ދެއްވި އަނގޮޅިތީމު ބަނދަރުގެ މަސައްކަތްކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިމަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، އެއްގަމުތޮއްޓާއި ބޭރުތޮށިލައި، ނެރުބައްތި އާއި ބަނދަރު ބައްތިޖަހައި، ޕޭވްމަންޓް ވަނީ ހަދާފައެވެ.

ހަމައެފަދައިން، ރައީސް އޮފީހުން ބުނާ ގޮތުގައި އަނގޮޅިތީމު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގައި، އިދާރީ މަސައްކަތްތައް ކުރާނެ އޮފީހަކާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ސްޓޯރ ރޫމާއި، ކޮމްޕްރެޝަރ ރޫމާއި ލޯންޑަރީ ހިމެނެއެވެ.
އަދި އެރަށުގެ ފެނަކަ އައު އޮފީސް ޢިމާރާތަކީ، 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެއް ކަމަށާއި، މީގެކުރިން އަނގޮޅިތީމުގައި ފެނަކަ އޮފީސް ހިންގަމުން ދިޔައީ ޢިމާރާތެއް ކުއްޔަށް ހިފައިގެން ކަމަށް އެ އޮފީހުން ފާހަގަކުރައްވައެވެ.

މީގެ އިތުރަށް، ވާދޫ އިންޖީނުގެ އަދި ފެނަކަ އޮފީސް، އިމާރާތްކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި، ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާ އެކުގައި ކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 528 ކިލޯވޮޓް ކަމުގައި ވީނަމަވެސް އައު އިންޖީނުގެއާއެކު އިންޖީނުގޭގެ ކެޕޭސިޓީ ވަނީ 800 ކިލޯވޮޓަށް އިތުރުކުރެވިފައިވެއެވެ.

އިއްޔެ ރައީސް ހުޅުވައިދެއްވި ވާދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ކްލޭ އެލް.އެލް.ޕީ އާ ހަވާލުކޮށްގެންނެވެ. އަދި މި އިމާރާތުގައި ކޮންފަރެންސް ހޯލް، އިދާރީ އޮފީސް، ޖެނެރަލް ސްޓޯރ މެޑިކަލް ސްޓޯރ، އޮފީސް ސްޓޯރ، ގަރާޖު ހިމެނޭ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް