ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތާއި އެރަށުގެ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
ހއ. ތުރާކުނުގައި ބޭއްވުނު މި ދެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ތުރާކުނު ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ ޢަބްދުލް ލަތީފާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޓީސީސީ އިން ބުނާ ގޮތުގައި ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އިސްވެދެންނެވުނު ބިމުގެ ދަތިކަން ހައްލުވެގެން ދާނެއެވެ. އަދި ހިމާޔަތް ކުރެވިފައިވާ ޒަމާނީ ރީތި ގޮނޑުދޮށެއް ތުރާކުނު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން، 8.16 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ސޭންޑް ސަރޗް ސަރވޭއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރަށް، މިއަދު ބިންގާ އެޅިގެން ދިޔަ، ހއ. ތުރާކުނު މިސްކިތަކީވެސް، ރަށުގެ އިސްލާމީ ވަޙުދަތު ހިމާޔަތް ކޮށް، ދީނީ އެއްބައިވަންތަކަން އިތުރުކޮށްދޭނޭ ބިނާއަކަށް ވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން، 0.04 ހެކްޓަރުގެ ބިލްޓް އަޕް ސަރަޙައްދެއްގައި، އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭ ޕްރޭޔަރ ހޯލެއް ބިނާކުރުމާއި، ވުލޫ ކުރެވޭ 2 ސަރަޙައްދެއް ހެދުމާއި، މިނަރެޓެއް ހެދުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތާއި، މޭސަނަރީ އަދި ޕްލާސްޓަރިންގ މަސައްކަތާއި، ފިނިޝިންގ މަސައްކަތާއި، ހައިޑްރޯލިކް އަދި ޑްރެއިނޭޖް މަސައްކަތާއި، އިލެކްޓްރިކަލް މަސައްކަތާއި، ރޫފިންގ މަސައްކަތާއި، ފަޔަރ ފައިޓިންގ ސިސްޓަމެއް ބެހެއްޓުމާއި، ބައުންޑަރީ ވޯލް އަދި ޕޭވްމަންޓެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 152.04 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވާއިރު، އެރަށުގެ މިސްކިތުގެ ބިންގާ އެޅުމުގެ މަޝްރޫޢަކީ 11.21 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް