ހއ. އުލިގަމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާ ކަމާއި ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ިއއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
ހއ. އުލިގަމުގައި ބޭއްވުނު ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، އުލިގަމު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު މުއާޒް މުޙައްމަދާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޓީސީސީ އިން ބުނާ ގޮތުގައި އިއްޔެ އަމަލީ މަސައްކަތް ފެށުނު، ހއ. އުލިގަމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިތަކަށް ނިމުމެއް އަންނާނެއެވެ.
މި މަޝްރޫޢުގެ ދަށުން، 10,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 46,181 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 21,708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 238 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރަށް، 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި،އަދި 183 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓަރ ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
ހަމައެއާއެކު 162 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އިނަރ ރިވެޓްމެންޓެއް ޖެހުމާއި، 180 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއި، 300 މީޓަރުގެ ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 25 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 2200 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރަށް، އިއްޔެ މޮބިލައިޒް ކުރެވުނު ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އިސްވެދެންނެވުނު ބިމުގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 15 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ސޭންޑް ސަރޗް ސަރވޭއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީ އައި ހަވާލުކުރި 76.76 މިލިއަން ރުފިޔާއަށެވެ. އަދި އުލިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 73.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް