ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމާ ގުޅޭގޮތުން އަހުމަދު ފާރިސް މައުމޫނަށް ދެއްކުނު ވާހަކަތަކާމެދު މައާފަށް އެދިވަޑައިގެންފިއެވެ.
ރޭ ސޯޝަލްމީޑީޔާގައި ފާރިސް އާއްމު ކުރެއްވި ވީޑިއީއެއްގައި ވިދާޅުވީ، އާއްމުންނަށް ކަމެއް ސާފުކޮށްދޭން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ރައީސް މައުމޫނު ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއްވެ، ހިތާމަތަކެއް ކުރިމަތި ވެފައިވާ ކަމަކީ ހަގީގަތެއް ކަމަށާއި އެއީ ފާރިސް ގަބޫލު ކުރާ ކަމެއް ކަމަށެވެ.
"މި ހިތާމައިގާ އަދިވެސް ބަޔަކު ދެމިތިބި ކަމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގު ކުރާ ކަމެއް ނޫން." ފާރިސް ވިދާޅުވިއެވެ.
އެކަމަށްޓަކައި ފާރިސް ވަނީ ނިހާޔަތަށް މާފަށް އެދިވަޑައިގެންފައެވެ.
އޭގެ އިތުރުން ވަރަށް ފަހުން ފާރިސް ދެއްކި ވާހަކަތަކެއްގެ ސަބަބުން އެ މީހުންގެ ހިތާމަތައް އިތުރުވެގެން ދިޔަ ކަމަކީ ހަގީގަތެއް ކަމަށާއި އެހެންކަމުން އެކަމަށްޓަކައިވެސް މާފަށް އެދޭ ކަމަށް ފާރިސް ވިދާޅުވިއެވެ.
އަޒުމަކީ ފާރިސްއަށް ވެރިކަމަށް އާދެވިއްޖެ ނަމަ އެ ހުރިހާ މީހުންނަށް ފުރިހަމަ ތަސައްލީއެއް ހޯދައިދިނުން ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ފާރިސްގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި އެފަދަ އެއްވެސް ކަމެއް ކުޑަކޮށް ނަމަވެސް ނުހިނގާކަން ކަށަވަރު ކުރުމަކީ އަމިއްލަ ޒިންމާއެއްކަމަށް ހަދާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.
މީގެކުރިން ފާރިސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މައުމޫނުގެ ވެރިކަމުގައި އަނިޔާވެރިކަން ނުހިންގާކަނަށް ގަބޫލު ކުރެވޭކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.
އެ ވާހަކަތަކަށް ފަހު އާއްމުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން ފާރިސް މިވަނީ އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް