އަލިފާނުގެ ހާދިސާ: ތިން މީހަކު ހޮސްޕިޓަލަށް، އެކަކު އެޑްމިޓް

ފަތިހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ތިން މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. މިކަމާއި ގުޅޭގޮތުން އެންޑީއެމްއ...

06 Sep 2023 | 05:29

ފަތިހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ތިން މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އެންޑީއެމްއޭއިން ބުނެފައިވަނީ އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް ފަރާތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިނުވާކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު ތިން މީހުންގެ ތެރެއިން ދެމީހަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ. އަދި އެޑްމިޓް ކުރެވިފައިވާ މީހާގެ ހާލުވެސް ރަނގަޅު ކަމުގައި އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ހޮސްޕިޓަލަށް ގެންދިޔައީ ދިވެހި ދެ އަންހެނަކާއި ބިދޭސީ ފިރިހެނެކެވެ. އެ ތިން މީހުންގެ ތެރެއިން ދިވެހި އެއް އަންހެނެއްގެ ފައިގަ ޕްލާސްޓާ އެޅުމަށްފަހު ގެއަށް ދޫކޮށްލާފައިވާއިރު އަނެއް ދިވެހި އަންހެން މީހާ ދޫކޮށްލާފައިވަނީ ތިން ދުވަސް ފަހުން ދެއްކުމަށް އިލްތިމާސް ކުރުމަށްފަހުގައެވެ. އެޑްމިޓް ކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ބިލާލް ނަމަކަށް ކިޔާ ރައްޔިތެކެވެ.

އަލިފާނުގެ ހާދިސާ ހިނގީ ވެގަ ޕޮއިންޓް ފިހާރަ ހުންނަ އިމާރާތުގައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފަތިހު 04:30 ހާއިރުގައެވެ. ހާދިސާގައި އެ ފިހާރައާއި ފިހާރައިގެ ހުރިހާ މުދަލަކާއި އިމާރާތާއި އަދި އެ ސަރަހައްދުން 15 ވަރަކަށް ސައިކަލު އަނދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް