ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްޤީކުރުމަަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، އެ އެސޯސިއޭޝަންގެ ބައެއް އިސް ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ބޯޓިން ދާއިރާ ހިންގުމާއި އެ ދާއިރާ ކުރިއެރުވުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެން.ބީ.އޭ.އެމް ގެ ބޭފުޅުން ވަނީ އެން.ބީ.އޭ.އެމް އުފެދުނީއްސުރެ ރާއްޖޭގައި ފަތުރުވެރިކަމަށް ދުއްވާ ސަފާރީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ބޯޓިން ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާތީ، ބައިނަލްއަޤްވާމީ ފެންވަރުގެ ކްރޫ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވެސް މޫދުގައި ދުއްވާ އުޅަނދުތައް ރަހުނުގެ ގޮތުގައި ބަހައްޓައިގެން ލޯނު ނެގޭނެ އުޞޫލެއް ނެތުމުން ދިމާވާ ދަތިތަކާއި، ބައިނަލްއަޤްވާމީ ކްރޫޒް ލައިނަރތައް ރާއްޖޭގައި ހިންގުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ޤުދުރަތީ ވަޞީލަތްތައް އެންމެނަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް ބެލެހެއްޓޭނެ ޕްލޭނެއް އޮތުމުގެ މުހިންމުކަމާއި، އެން.ބީ.އޭ.އެމްގެ މަސައްކަތްތައް ފުޅާވަމުންދާއިރު އެތަނުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްޤީކުރުމަަށް ސަރުކާރުން ނިންމާފައިވާކަމަށާއި މި މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނޮވެމްބަރު މަހު ފަށާނެކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ އެން.ބީ.އޭ.އެމްގެ ބޭފުޅުން ފާހަގަކުރެއްވީ މުހިންމު ކަންކަން ކަމަށްވުމުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް