މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށި ފުރަތަމަ ދުވަހު ދެހާހަށް ވުރެ ގިނަ މީހުން ދަތުރުކުރި

އެމްޓީސީސީން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށުމާއިއެކު ފުރަތަމަ ދުވަހު ވެސް ދެހާހަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ކުރައްވާ...

06 Sep 2022 | 09:05

އެމްޓީސީސީން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށުމާއިއެކު ފުރަތަމަ ދުވަހު ވެސް ދެހާހަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގައި ދޭން ފެށި ބަހުގެ ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް އެބަ އޮތް ކަމަށާއި އެގޮތުން ފުރަތަމަ ދުވަހު 2,257 މީހުން ހިދުމަތް ބޭނުންކުރި ކަމަށެވެ.

ސަރުކާރުގެ ގައުމީ ދަތުރުފަތުރުގެ ނިޒާމް, ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ފެށީ މި ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނެފައިވަނީ ފުރަތަމަ ދެ ހަފުތާ ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

އެއަށްފަހު ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނެގުމަށް ނިންމާފައިވީނަމަވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށް ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލް ބަސް އަމީނީ ރޫޓާއި ސޯސަން ރޫޓާއި އޯކިޑް ރޫޓުން ދަތުރު ކުރާނެ އެވެ. އަދި މި ރޫޓުތަކުން މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރު، ގަލޮޅު، މައްޗަންގޮޅި އާއި މާފަންނުގައި ދަތުރު ކުރާނެ އެވެ. މި ތިން ރޫޓުގައި ޖުމްލަ 40 ބަސް ސްޓޮޕް ހުންނާނެ އެވެ.

ބަހުގެ ކިއުއާރް ޓިކެޓް އާރްޓީއެލް ވެބްސައިޓުން އަދި އެފްލިކޭޝަނުން ހޯދޭނެއެވެ. އާރްޓީއެލް އެފްލިކޭޝަން އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

މާލޭގައި ބަހުގެ ޚިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރާނެ އެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ ހުންނަ ބަހެވެ. މިނީ ބަސްތަކުގައި 20-22 މީހުންނަށް އިޗީންދެގެން އަދި 10 މީހުންނަށް ކޮޅަށް ދަތުރު ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް