މިނީ ބަސް ރޫޓަށް އުނދަގޫވާގޮތަށް ޕާކު ކުރާނަމަ ސްޓިކާވެސް ޖަހާނަމު، ޓޯވެސް ކުރާނެކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ.
އެގޮތުން މިއަދު ފުލުހުން ބުނެފައިވަނީ މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކް ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށާއި އެގޮތުން، ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
އެމްޓީސީސީގެ އާރްޓީއެލްގެ އާންމު މިނީ ބަހުގެ ހިދުމަތް އިއްޔެ މާލޭގައި ފަށާފައިވާއިރު މި ހިދުމަތަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވުމާވެސް ކުރިމަތިލާންޖެހޭކަން ފާހަގަކުރެވެއެވެ.
އާންމު ބަހުގެ ހިދުމަތް އިއްޔެ ފަށާފައިވާއިރު އާންމު ބަހުގެ ހިދުމަތް ދެމުންދާނީ ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކަމުގައި އެމްޓީސީސީން ބުނެއެވެ. އަދި އިއްޔެއިން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހު އެއްވެސް ފީއެއް ނުނަގާނެކަމުގައިވެސް އެމްޓީސީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް