ޑިއާރުޕީގެ ވެރިކަމެއްގައި ފެނާއި ކަރަންޓުގެ ހިދުމަތުން ރައްޔިތުންގެ އަތުން އަގު ނުނަގާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ ސްޓެލްކޯ އާއި ފެނަކައިން ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ރަށްރަށާއި މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލް ކުރަމުން ގެންދާ ރޭޓާއި ބޭންޑު ކުރުންތަކުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލައި ހަމަ ހަމަ ކުރުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. މި ގަރާރު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.
ޖާބިރު ވިދާޅުވީ ސަރުކާރުން ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދީގެން ރައްޔިތުންގެ އަތުން ބޮޑު އަގެއް ނެގުން ބަލައި ނުގަނެވޭ ކަމަށެވެ. ޖާބިރު ރާއްޖޭގެ ބައެއް ރިސޯޓުތަކަކީ އިރުގެ އަލިން ހަކަތަ އުފައްދައިގެން ކަރަންޓު ފޯރުކޮށްދޭ ތަންތަނަށް ވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ނިޒާމު ސަރުކާރަށް ގާއިމް ކޮށްދެވޭނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ އެފަދަ ނިޒާމެއް ގާއިމް ކުރެވިއްޖެ ނަމަ ކަރަންޓާއި ފެނަށް ރައްޔިތުންގެ އަތުން ނަގާ އަގު ކުޑަ ކުރެވި ނުވަތަ ނުނަގާވެސް ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެކި މަޝްރޫއުތަކަށް ބޭރު ގައުމުތަކުން ލޯނު ހޯދާހެން މިފަދަ މަޝްރޫއަކަށް ލޯނު ހޯދި ދާނެ ކަމަށާއި ދުނިޔޭގައި ފައިސާ ގިނަވެގެން ތަފާތު ކަންކަމަށް އެހީދޭ މީހުން އެބަތިބި ކަމަށެވެ.
ސަރުކާރުން ވިޔަފާރި ކުރުން ހުއްޓާލަން އޭނާ ގޮވާލާ ގޮވާލުން މިއަދުވެސް ތަކުރާރު ކުރެއްވި އެވެ. އަދި ޖާބިރު ވިދާޅުވީ އޭނާއަށް ވެރި ކަމެއްގައި މިފަދަ މައްސަލަތަކުގައި ރައްޔިތުނަށް ލުއި ފަސޭހަ ކޮށްދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް