2020 އަދި 2021 ވަނަ އަހަރުގެ ރެެހެންދި އެވޯޑު ދީފި

2020 އަދި 2021 ވަނަ އަހަރުގެ ރެެހެންދި އެވޯޑު ދީފި އެވެ. މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރެ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހ...

06 Sep 2021 | 17:31

2020 އަދި 2021 ވަނަ އަހަރުގެ ރެެހެންދި އެވޯޑު ދީފި އެވެ.

މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރެ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހުޅުމާލޭ ރެހެންދި ސްކޫލުގައި ބެއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރެހެންދި އެވޯޑު ޙާސިލުކޮށްފައިވާ ބޭފުޅުންނަކީ މަސައްކަތުގެ ދާއިރާއިން ޤައުމަށް އަދި މުޖުތަމަޢު އަށް އެތައް ޚިދުމަތެއް ކުރައްވާފައިވާ ބޭފުޅުންތަކެވެ.

މި ގޮތުން 2020 ވަނަ އަހަރު ރެހެންދި އެވޯޑު ޙާސިލުކޮށްފައިވާ ފަރާތްތަކަކީ އިޖްތިމާޢީ ދާއިރާއިން ފާތިމަތު އިބްރާހިމް އަދި އަލްއުސްތާޛާ މަރްޔަމް ޝުނާނާ އެވެ. އަދާ ކުރައްވާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ ދާއިރާއިން ޢާއިޝަތު ޙުސެއިން މަނިކެ، އާމިނަތު އަމީނާ، އަލްއުސްތާޛާ ޙައްވާ ލަޠީފް، މިންހާ ފާއިޒު ރަޝާދު، ޝިފްޒާ މުސްތަފާ އެވެ.

2021 ވަނަ އަހަރު ތަޢުލީމީ ދާއިރާއިން އަޙްމީމާ ލުޠުފީ އެވެ. ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާއިން ޒީނިޔާ އަޙުމަދު ޙަމީދު އަދި އާމިނަތު ޝަހާ ހާޝިމް އެވެ. ހިލޭސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން ނާދިޔާ ޢަބްދުލްޣަފޫރެވެ.

ކުޅިވަރުގެ ދާއިރާއިން ޙައްވާ ރާމިޒާ އެވެ. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ ދާއިރާއިން ސާރޖަންޓް ފަސްޓް ކުލާސް ނަސްރީނާ ޙަސަން އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދާއިރާއިން ލ. ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެވެ. އަދި އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންނަށް އެވޯޑު ހުށަހެޅޭ/ކުރިމަތިލެވޭ ދާއިރާއިން ޝިޔާމާ އަޙްމަދެވެ.

ރެހެންދި އެވޯޑަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އަހަރަކު އެއްފަހަރު ދޭ ޚާއްޞަ އެވޯޑެކެވެ. އަދި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ ވެސް މި އެވޯޑު ދިނުމުގެ މަގުސަދެކެވެ.

ރެހެންދި އެވޯޑު ދިނުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ އިތުރަށް ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނުކުތުމަށް ހިތްވަރުދިނުމެވެ.

ކޮންމެ އަހަރަކު ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރެހެންދި އެވޯޑުގެ ޙައްޤުވެރިންނަށް އެވޯޑު ހަވާލުކުރަމުން އައި ނަމަވެސް ކޮވިޑް19 ގެ ޙާލަތާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވިފައިނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް