އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަކީ ސަރުކާރުގެ އަމާޒު: ރައީސް

މި ސަރުކާރުގެ އަމާޒަކީ، އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ޙައްޤު މަޤާމު އަންހެނުންނަށް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމ...

06 Sep 2021 | 17:18

މި ސަރުކާރުގެ އަމާޒަކީ، އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ޙައްޤު މަޤާމު އަންހެނުންނަށް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2020 - 2021 ވަނަ އަހަރުގެ ރެހެނދި އެވޯޑު ދިނުމަށްޓަކައި މިރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްޤީގެ ފުރުޞަތުތައް ފަހިކޮށްދީ، ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދޭން ކަމަށެވެ. އަދި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރާ މަސައްކަތުގައި ދިވެހި އެންމެހާ ކަނބަލުން އެއްބާރުލުން ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ސަރުކާރުން އަންހެނުންނަށް މިހާރުފަހިކޮށްދެއްވާފައިވާ ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފަ އެވެ.

ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑްގެ ނަމުގައި އެވޯޑެއް ދިނުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާ ރައީސް ވިދާޅުވީ އެ މަޤްޞަދަކީ އަންހެނުން ކުރާ މަސައްކަތްތަކާއި ޙާޞިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

ހަމަ އެއާއެކު މިންތީގެ ތަފާތުތައް ނައްތާލައި ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ޤާއިމު ކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ޤައުމީ ފެންވަރެއްގައި އަގު ވަޒަން ކުރުމަކީ ވެސް، ރެހެންދި އެވޯޑް ދިނުމުގެ ވަރަށް ބޮޑު ބޭނުމެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް