އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން ދިވެހި ފުލުހުން ކަށަވަރުކޮށްދީފި އެވެ.
ފުލުހުން ދާދި ދެންމެބުނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާއި ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް މިއަދުވަނީ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ ހަތް މައްސަލައެއްގައި އޭނާ އާއި ދެކޮޅަށް ދައުވާަ އުފުލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން އިނގިރޭސިވިލާތަށް އަލީ ފުރާފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އެކަމަކު އޭނާ އާއި ދެކޮޅަށް ހުށަޅާފައިވާ މައްސަލައެއްގައި ކޯޓަށް ހާޒިރު ނުވެގެން ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމަަށް ނިންމައި ދެ މަހާއި 10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
އެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ގެނެސް ކަރެކްޝަނަލް ސަރވިސް އާއި ހަވާލު ކުރުމަށް ފުލުހުން ދިޔައީ އިނގިރޭސި ފުލުހުންނާއި އިންޓަޕޯލް އާއި އެކު މަސައްކަތް ކުރަމުން ނެވެ. އެ މަސައްކަތް ކުރަމުންދަނިކޮށް އަލީ ހައްޔަރުކޮށްފައިވަނީ އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.
އިތުބާރު ހުރި ފަރާތްތަކުން މީޑިއާގައި ބުނެފައިވަނީ އަލީ ހައްޔަރު ކުރީ ވިސާ މުއްދަތު ހަމަވެގެން ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރި އިރު އޮތީ އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތަށް ވެސް އެދިފަ އެވެ.
އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާގޮތުން ހިމާޔަތަށް އެދިފައި ވަނިކޮށް ވިސާ ހަމަވިޔަސް އެކަމާ މެދު ވަކިގޮތެއް ނުނިމެނީސް، އެ ގައުމުން ޑިޕޯޓެއް ނުކުރެވޭނެ އެވެ.
އެހެންވެ މިހާރު ކޯޓު އަމުރު ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނެވޭނެ ކަމާއި މެދު މިވަނީ ސުވާލު އުފެދިފަ އެވެ.
އަލީ ވަހީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އާއިލާ އާއި އެކު އެ ގައުމުގައި ދިރިއުޅުއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް