ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތަ ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތު: މިނިސްޓަރ ޝައުނާ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތަ ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށާއި މިކަމަކީ ވަކި ވަކި ގައުމުތަކުން އެކަނި ކުރެވޭވަރަށްވުރެ ބޮޑު ކަމެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަނ...

06 Sep 2021 | 16:02

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތަ ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށާއި މިކަމަކީ ވަކި ވަކި ގައުމުތަކުން އެކަނި ކުރެވޭވަރަށްވުރެ ބޮޑު ކަމެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ފްރާންސްގެ މާރސޭ ގައި މިހާރުކުރިއަށްދާ އައި.ޔޫ.ސީ.އެން ވާރލްޑް ކޮންޒަރވޭޝަން ކޮންގްރެސްގެ ހައި ލެވެލް ޑައިލޮގް ގައި ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.

މިނިސްޓަރ ވިދާޅުވީ ހުރިހާ ގައުމެއްގެ އެއްބާރުލުން މި ކަމުގައި ބޭނުންވާނެ ކަމަށާއި ކަނޑުތައް ހިމާޔަތްކޮށް އެތަންތަން ބެލެހެއްޓުމަކީ އެންމެނަށް ވެސް އޭގެ ފައިދާ ކުރާނެކަމެއް ކަމަށެވެ.

ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ އިގްތިސާދުތަކަށް، ކަނޑުތަކާއި، ކަނޑުތަކުގައި ދިރުންތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ މުހިންމުކަމެއް ކަމެއް ކަމަށެވެ.

މީގެ އިތުރުން ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގެ ސްޓޮކް މަދުވަމުން ދިއުމާއި، ކުނީގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވަމުން ދިއުމާއިމެދު މިނިސްޓަރ ޝައުނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ދިވެހިރާއްޖެއަކީ މަސްވެރިކަމުގައި ތިމާވެއްޓާއި ރައްޓެހިގޮތްތައް ބޭނުންކުރާ ޤައުމެއްނަމަވެސް، ދިވެހިރާއްޖޭގެ ބޯޑަރުން ބޭރުގައިކުރާ ބައެއްބާވަތްތަކުގެ މަސްވެރިކަމުގެ ސަބަބުން އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް މަސްވެރިކަމަށް ބަރޯސާވާ ދިވެހިރާއްޖެކަހަލަ ޤައުމުތަކަށް ނޭދެވޭ އަސަރު ކުރާނެކަން މިނިސްޓަރަ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، އ.ދ ގެ "ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" ގެދަށުން 2030 އަންނަންވާއިރަށް ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ހުރިހާ ޤައުމުތަކުން ވެސް މަސައްކަތްކުރުމަށް މިނިސްޓަރ ޝައުނާ ގޮވާލެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް