ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވޭ: ދިރާސާ

ދުނިޔޭގައި އަދިވެސް އެންމެ ގިނަ މީހުން ތަހައްމަލް ކުރަމުން ގެންދާ އެއް ބައްޔަކީ ހިތުގެ ބަލިކަމަށް ކަމަށް ދިރާސާތަކުން ދައްކައިފި އެވެ. ދިރާސާތަކުން މިގޮތަށް ދައްކާއިރު، މި ބަލީގައި މަރުވާ މީހުންގެ ނިސ...

06 Sep 2021 | 11:49

ދުނިޔޭގައި އަދިވެސް އެންމެ ގިނަ މީހުން ތަހައްމަލް ކުރަމުން ގެންދާ އެއް ބައްޔަކީ ހިތުގެ ބަލިކަމަށް ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

ދިރާސާތަކުން މިގޮތަށް ދައްކާއިރު، މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް ވެސް ބޮޑުތަނުން އިތުރެވެ. އެހެން ނަމަވެސް މި ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަ ނަމަވެސް ދުރާލާ ފަރުވާކޮށް، ރައްކާތެރިވެއްޖެ ނަމަ ހިތުގެ ބަލީގެ 80 ޕަސެންޓް ބަލިތަކުން ސަލާމަތް ވެވިދާނެ ކަމަށް މި ހޯދުންތަކުން ބުނެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން ދުވާލެއްގެ މައްޗަށް ހިތުގެ ބަލީގެ 20 އިން ސައްތަ މީހުން ހޮސްޕިޓަލްތަކުން ފަރުވާ ހޯދައެވެ. އަދި އެކޯކާޑިއޮލޮޖީ ހަދަން ދުވާލަކު 25 އިން ސައްތަ މީހުން ދާއިރު، އަށެއް އިން ސައްތަ މީހުން ޓްރެޑްމިލް ޓެސްޓު ހަދާ ކަމަށް ވެސް މި ދިރާސާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އިންވެސްޓް ކުރުމުގެ ބަދަލުގައި ބޮޑަށް ބަލަންވީ އެ ބަލިން ރައްކާތެރިވެވޭނެ ގޮތް ހޯދަން ކަމަށާއި އަދި އެއީ މަސައްކަތް ކުރެވިއްޖެ ނަމަ ނުވާނެ ކަމެއް ނޫން ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ.

ހިތުގެ ބަލިތަކާއި ގުޅިގެން ކޮށްފައިވާ ދިރާސާތަކަށް ބަލާއިރު ގިނަ މީހުންނަށް ހިތުގެ ބަލިތައް ޖެހެނީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުންނެވެ. އެގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގިނައިން ސަރުބީ އާއި ހަކުރާއި ލޮނު އެކުލެވޭ ކާނާ ބޭނުން ކުރުމާއި ހެލިފެލިވެ އުޅޭ މިންވަރު މަދުވުމާއި ލޭމައްޗަށް ދިޔުން ހިމެނެ އެވެ.

މީގެ ތެރެއިން ވެސް މި ބަލި ޖެހުމަށް އެންމެ ފުރުސަތު ބޮޑީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށެވެ. އޭގެ އިތުރުން އާއިލާގައި ހިތުގެ ބަލިޖެހިފައިވާ މީހެއް ހުންނަ ނަމަ އެ ބަލި ވާރުތަ ކުރުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް ހޯދުންތަކުން ދައްކައެވެ.

އެހެން ކަމުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވެ، ކޮންމެ މީހަކު ވެސް ކަސްރަތުކުރަން އިސްކަން ދޭން ޖެހެއެވެ. އަދި ހިތުގެ ބަލިތަކަށް ފުރުސަތު ބޮޑު، އުމުރަށް ދިޔުމުން ސްކްރީން ޓެސްޓުތައް ހެދުން މުހިއްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް