މާލޭގައި ހިންގާ ގިނަ އަދަދެއްގެ "ޑްރަގް ކެފޭތައް" ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ކަަމަށް ފާހަގަކުރެވުފައިވާ ތަންތަނަށް މީހުން ވަނަ ނުދީ އެކަން ހުއްޓުވުމަށް މިއަދު ހެނދުނު 7:00 އިން ފެށިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުުން އެފަދަ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުންގެންދާނެ ކަމަށް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ 25 ތަނެއްގެ ވެރިފަރާތަށް މިހާރު ގާނޫނީ އިންޒާރު ދީފައިވާކަމަށެވެ.
އަދި އެފަދަ އަށް މައްސަލައެއް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރު ހަތަރު މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް ގޭގެ މައްސަލަ މިހާރު ޕީޖީން ވެރިފަރާތަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ކެފޭ ހިންގާ އުސޫލުން ގޮނޑި އާއި މޭޒު ޖަހައި މަސްތުވާތަކެތި ބޭނުން ކުރަން ފުރުސަތު ދިނުމުގެ "ހިދުމަތް" ދޭ އެތައް ގެއެއް މާލޭގައި އެބަހުއްޓެވެ. އެ ގެތައް ހަދާފައި ހުންނަނީ ފުލުހުންނަށް ފަސޭހައިން ނުވަދެވޭ ގޮތަށް ދަގަނޑު ގޭޓްތައް ފަދަ ވަރުގަދަ ދޮރުތައް ހަރުކޮށްގެންނެވެ.
އެފަދަ ގެތަކަށް ފުލުހުން ރެއިޑްކޮށް މީހުން ހައްޔަރުކުރި ނަމަވެސް، އެ ގޭތަކުގެ ވެރިފަރާތްތަކުން ޑްރަގް ވިޔަފާރި ކުރާ ފަރާތްތަކަށް އެއްބާރުލުންދޭތީ އެކަން ހުއްޓުވަން އުނދަގޫވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެހެންވެ މީގެ ކުރިން ހިންގި އޮޕަރޭޝަންތަކުގައި އެފަދަ ތަންތަން ބަންދު ކުރުވި ނަމަވެސް އަލުން ހިދުމަތްދޭން ފަށައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް