މިފަހަރުގެ ހޫނު މޫސުމުގައި އިޓަލީގެ ޔުވެންޓަސްއިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑުގައި ކުޅޭނެ މަޤާމަކާއި މެދު ރޮނާލްޑޯ އާއި ޔުނައިޓެޑުގެ ކޯޗު އޮލިގަނަ ސޮލްޝެއާއާއި ދެމެދު ޚިޔާލު ތަފާތު ވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރުމާއި އެކު ޔުނައިޓެޑުގެ ކޯޗު ސޮލްޝެއާ ބުނެފައިވަނީ އޭނާ ޔުނައިޓެޑުގައި ރޮނާލްޑޯ ބޭނުން ކުރާނީ ސެންޓަރ ފޯވާޑުގެ މަގާމަށް ކަމަށެވެ.
ސްކައި ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ކުރިން ސޮލްޝެއާ ބުނެފައިވަނީ ރޮނާލްޑޯ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ޔުނައިޓެޑުގައި ރޮނާލްޑޯގެ ދައުރަކީ ސީދާ ސެންޓަރ ފޯވާޑެއްގެ ދައުރު ކަމަށެވެ. އަދި އެއީ ރޮނާލްޑޯ އަށް އެންމެ އެކަށީގެންވާ މަގާމު ކަމަށްވެސް ސޮލްޝެއާ ބުންޏެވެ.
މީގެ އިތުރުން ސޮލްޝެއާ ބުނީ ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑަށް ކުޅުނު އިރު އޭނާ ކުޅުނީ ވިންގަކަށް ނަމަވެސް ފަހުން އޭނާ މުޅިންވެސް ފެނިގެން ގޮސްފައިވަނީ ސެންޓަރ ފޯވާޑެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ރޮނާލްޑޯގެ ބޭނުން ހިފާނީ ސީދާ ސެންޓަރ ފޯވާޑެއްގެ ގޮތުގައި ކަމަށްވެސް ސޮލްޝެއާ ބުންޏެވެ.
ޔުނައިޓެޑުގެ ކޯޗު މިހެން ބުނި ނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން ސޮލްޝެއާގެ މި ނިންމުމަށް ރޮނާލްޑޯ އެއްބަހެއް ނުވެއެވެ. ރޮނާލްޑޯ ބޭނުން ވަނީ އޭނާގެ ރަސްމީ މަގާމަށް ކުޅޭށެވެ. އެއީ ރޮނާލްޑޯ އަބަދުވެސް ކުޅެމުން އަންނަ އޭނާގެ ރަސްމީ މަގާމުކަމުގައިވާ ވިންގުގެ މަގާމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ވެސް އޭނާގެ ރަސްމީ މަގާމު ދޭގޮތަށެވެ. ސީދާ ސެންޓަރ ފޯވާޑެއްގެ މަގާމަށް ކުޅޭކަށް ނޫނެވެ.
ޔުނައިޓެޑުގައި މިހާރުވެސް ވިންގަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، އޭގެ ތެރޭގައި ދާދި ފަހުން 85 މިލިއަން ޕައުންޑަށް އެކުލަބާއި ގުޅުނު ސަންޗޯ ހިމެނެއެވެ.
ރޮނާލްޑޯ އެނބުރި އައިސް ޔުނައިޓެޑާއި އެކު އެންމެ ފުރަތަމަ ކުޅޭނީ މިމަހުގެ 11 ވަނަ ދުވަހު ނިއުކާސަލްއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުނައިޑެޓު ކުޅޭ މެޗުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް