ޕާކިސްތާނުގެ ޕްރެޝަރަށް، އަފްޣާނުގަ ތޯލިބާނުން ނިރުބަވެރިން ތަމްރީން ކޮށްފާނެ: އިނގިރޭސިވިލާތް

ޕާކިސްތާނު ފަދަ ޤައުމުތަކުގެ ޕްރެޝަރާއި އެކު އަފްޣާނިސްތާނުގެ ފަސްގަނޑު ނިރުބަވެރިން ތަމްރީނު ކުރުމަށް ޠާލިބާނުން ބޭނުން ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އިނގިރޭސިވިލާތުގެ ޤާނޫން ހަދާ މަޖިލީހުގެ ...

06 Sep 2021 | 11:02

ޕާކިސްތާނު ފަދަ ޤައުމުތަކުގެ ޕްރެޝަރާއި އެކު އަފްޣާނިސްތާނުގެ ފަސްގަނޑު ނިރުބަވެރިން ތަމްރީނު ކުރުމަށް ޠާލިބާނުން ބޭނުން ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އިނގިރޭސިވިލާތުގެ ޤާނޫން ހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންޑޯ ޕެސިފިކް ސަރަޙައްދަށް ޚާއްސަ ކޮށްފައިވާ މަޖިލީސް މެންބަރުން އެކުލެވޭ އޯލް ޕާޓީ ޕާލަމެންޓަރީ ގުރޫޕު (އޭޕީޕީޖީ) ބުނެފައި ވަނީ ޕާކިސްތާނުގެ އިތުރުން ހަރުކަށި ފިކުރަށް ތާއީދު ކުރާ އިސްލާމިސްޓު ގުރޫޕުތަކުން ޠާލިބާނަށް ޕްރެޝަރުކޮށް، އަފްޣާނިސްތާނުގައި ނިރުބަވެރިން ތަމްރީން ކުރާ ކޭމްޕުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އޭޕީޕީން އިތުރަށް ބުނެފައި ވަނީ މި ކަމުގެ ސަބަބުން ޖިހާދުގެ ނަމުގައި މިފަދަ ގިނަ ގުރޫޕުތަކަކުން މީހުން ތަމްރީނު ކުރުމުގެ ބިރު އޮތް ކަމަށެވެ.

ޚާއްސަކޮށް މި ކަމުގެ ސަބަބުން ޖައްމޫ އަދި ކަޝްމީރުގައި ވެސް ނިރުބަވެރިން އިތުރު ވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އިންޑިއާއިން ފާޅު ކޮށްފައިވާ ކަމަށްވެސް އެޕީޕީޖީގެ މެންބަރުން ވިދާޅުވެއެވެ.

މީގެ އިތުރުން، އިންޑިއާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނޭހެން، ޠާލިބާނުގެ ވެރިކަމާއި ކުރިމަތިލާނެ ގޮތުގެ ދިގު މުއްދަތެއްގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް މި ގްރޫޕުގެ މެންބަރުން ވަނީ ގޮވާލައްވާފައެވެ. އިންޑޯ ޕެސިފިކް ސަރަޙައްދުގައި އަމަން އަމާންކަން ޤާއިމް ކުރުމަށް ދިމިގްރާތީ އުސޫލުން މި 3 ޤައުމު ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި މި ގުރޫޕުގެ މެންބަރުން ވިދާޅުވެއެވެ.

މިއާއިއެކު، ޠާލިބާނުގެ ފަރާތުން ދިމިގްރާތީ އުސޫލުތަކާއި އެއްގޮތަށް ވެރިކަން ކުރާނެ ކަމުގެ ޔަޤީންކަން ލިބެންދެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ޠާލިބާނުގެ ބާރުގެ ދަށުގައި އޮތް އަފްޣާނިސްތާނަށް ފައިސާގެ އެހީ ނުދިނުމަށް ވެސް މި ގުރޫޕު ވަނީ ގޮވާލާފައެވެ. އަފްޣާނު ރައްޔިތުންގެ މުސްތަޤްބަލަށްޓަކައި ޠާލިބާނު ސަރުކާރަށް ޑިޕްލޮމެޓިކް ފިއްތުންތައް ކުރިމަތި ކުރުވުން މުހިންމު ކަމަށްވެސް މި ގުރޫޕުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

އޭޕީޕީޖީގެ މި ބަޔާނުގައި އިތުރަށް ވަނީ އަންހެން ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭ ގިނަ މަރުކަޒުތައް އަފްޣާނިސްތާނުގައި ބަންދު ކޮށްފައި ވާތީ އާއި މަގުމަތީގައި އަންހެނުން ފެނުން މަދުވަމުން ދާތީ މިކަން ކަމާއި ކަންބޮޑުވާ ކަމަށެވެ. ޠާލިބާނުން އަފްޣާނު އަންހެނުންނަށް ގޭގައި ތިބުން މަޖުބޫރު ކުރަމުން ދާ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.

އަދި ޕަންޖޝިރް ފަދަ ބައެއް ހިސާބުތަކުގައި އަފްޣާނު ރައްޔިތުން ޠާލިބާނު ސަރުކާރެއްގެ ގޮތުގައި ބަލައި ނުގަނެ، އެކަމާއި އަމަލީ ގޮތުން ދެކޮޅު ހަދަމުން ދާކަން ވެސް މި ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ފާއިތުވެ ދިޔަ މަހު އަފްޣާނިސްތާނު ޠާލިބާނުގެ ބާރުގެ ދަށަށް ގޮސްފައި ވާއިރު، ގިނަ ޤައުމުތަކުން އަދިވެސް އަންނަނީ އަފްޣާނުގެ އައު ސަރުކާރުގެ ގޮތުގައި ޠާލިބާނު ބަލައިގަތުމާއި މެދު ދެކޮޅު ހަދަމުންނެވެ. މިދިޔަ އަހަރު އެމެރިކާއިން ޠާލިބާނަކީ އެ ޤައުމުން ބަލައިގަންނަ ގުރޫޕެއް ނޫން ކަމަށް ކަނޑައަޅާފައި ވާއިރު، ކެނެޑާއާއި އެހެނިހެން ބައެއް ޤައުމުތަކުންވެސް ޠާލިބާނަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ޠާލިބާނުން  މިހާރު އަންނަނީ ހައިބަތުﷲ އަޚުންޒާދާ އައު ސަރުކާރުގެ ސުޕްރީމް ލީޑަރުގެ ގޮތުގައި ކަނޑައަޅާ، އައު ސަރުކާރުގެ އިސް މަޤާމުތަކަށް މީހުން އައްޔަން ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް