ކޮރޯނާ ވައިރަސްގެ ކަންބޮޑުވާންޖެހޭ ވޭރިއެންޓުތަކުގެ ލިސްޓަށް "މޫ" އިތުރު ކޮށްފި

ކޮރޯނާ ވައިރަސްގެ ކަންބޮޑުވާ ވޭރިއެންޓުތަކުގެ ތެރެއަށް އައު ވޭރިއެންޓެއް ކަމަށްވާ 'މޫ' ވޭރިއެންޓު (B.1.621) ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން އިތުރު ކޮށްފިއެވެ. އެ ޖަމިއްޔާއިން މޫ އަކީ ކަންބޮޑުވާ ވޭރިއެންޓ...

06 Sep 2021 | 10:52

ކޮރޯނާ ވައިރަސްގެ ކަންބޮޑުވާ ވޭރިއެންޓުތަކުގެ ތެރެއަށް އައު ވޭރިއެންޓެއް ކަމަށްވާ 'މޫ' ވޭރިއެންޓު (B.1.621) ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން އިތުރު ކޮށްފިއެވެ.

އެ ޖަމިއްޔާއިން މޫ އަކީ ކަންބޮޑުވާ ވޭރިއެންޓެއްގެ ގޮތުގައި ކަނޑައެޅީ، މި ވޭރިއެންޓަކީ ވެސް ވެކްސިންގައި ހުންނަ ބައެއް އެންޓިބޮޑީތަކަށް ނުގުޑާ ވޭރިއެންޓެއް ކަމަށް މި ވޭރިއެންޓާއި ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ ތަހުލީލުތަކުން ހާމަ ވުމުގެ ސަބަބުންނެވެ.

އެމެރިކާއިން ވެސް މޫ ވޭރިއެންޓު މިހާރު ގާތުން މޮނީޓަރު ކުރަމުންދާ ކަމަށް އެ ޤައުމުގެ އިންފެކްޝަސް ޑިޒީޒްގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ.އެންތަނީ އެސް ފައުސީވެސް ވަނީ ވިދާޅުވެފައެވެ. މި ވޭރިއެންޓު އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ކޮލަމްބިއާއިން ކަމަށް ވާއިރު، އެ ހިސާބުގަނޑުން މިހާތަނަށް ފެނިފައިވާ ކޮވިޑު ވޭދަނަތަކުގެ ތެރެއިން 39 އިންސައްތަ ވޭދަނައަކީ މޫ ވޭރިއެންޓުގެ ވޭދަނަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި މޫ ވޭރިއެންޓަކީ ބައެއް ދިފާއީ ވެކްސިންތަކާއި އެންޓިބޮޑީތަކުން ފޯރު ކޮށްދޭ ދިފާއީ ބާރުގެ އަސަރު ނުކުރާ ވޭރިއެންޓެއް ކަމަށެވެ. އެހެން ކަމުން، ކަންބޮޑުވާ ވޭރިއެންޓުތަކުގެ ތެރޭގައި މި ވޭރިއެންޓުވެސް މިހާރު ވަނީ ހިމެނިފައެވެ.

ޑރ.ފައުސީ ވިދާޅުވާ ގޮތުގައި އެމެރިކާގައި މޫ ވޭރިއެންޓު އާންމުވެފައެއް ނުވެއެވެ. އެެމެރިކާގައި އަދިވެސް ގިނަ ވޭދަނަތަކެއް ނިސްބަތް ވަނީ ކޮވިޑުގެ ޑެލްޓާ ވޭރިއެންޓަށެވެ. އެގޮތުން، އެ ޤައުމުން ފެންނަ ވޭދަނަތަކުގެ 99 އިންސައްތަ ވޭދަނައަކީ ޑެލްޓާ ވޭރިއެންޓުގެ ވޭދަނަތައްކަން ޑރ.ފައުސީ ވަނީ ފާހަގަ ކުރައްވާފައެވެ.ނަމަވެސް މޫ ވޭރިއެންޓުގައި ގިނަ ވައްތަރުތަކެއްގެ މިއުޓޭޝަންތަކެއް ނުވަތަ ބަދަލުވުންތަކެއް ދެނެގަނެވިފައި ވާތީ، ބައެއް އެންޓިބޮޑީޒްތައް މި ވޭރިއެންޓަށް މަސައްކަތް ނުކުރުން އެކަށީގެންވާ ކަމަށް ޑރ.ފައުސީ ވިދާޅުވިއެވެ.ނަމަވެސް މި އައު ވޭރިއެންޓުގެ ކްލިނިކަލް ޑޭޓާ މަދުވުމުގެ ސަބަބުން މިއީ އެންމެ ރަނގަޅު ނިންމުމަށް ނުވުންވެސް އެކަށީގެންވާ ކަމަށް ޑރ.ފައުސީ ވަނީ ފާހަގަ ކުރައްވާފައެވެ.

ޚާއްސަކޮށް މި ވަގުތު ލިބެން ހުރި ކޮވިޑު ދިފާއު ވެކްސިން ޖެހުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވާ ޑރ.ފައުސީ ވިދާޅުވީ އެއްގޮތްކަމެއް އެކުލެވޭ ވޭރިއެންޓުތަކަށް މި ވެކްސިންތަކުގައި ހިމެނޭ މާއްދާތަކުން އަސަރު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް