22 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދޭ: އަސްލަމް

22 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އެމަނިކުފ...

06 Sep 2021 | 09:39

22 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މައުލޫމާތު ދެއްވަމުންނެވެ. އެ ގޮތުން، 4 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މިނިސްޓަރ އަސްލަމް މިއަދު ވަނީ މަޖިލީހަށް މައުލޫމާތު ދެއްވާފައެވެ.

އެއީ،. ށ. ފޭދޫ، ށ. ބިލެއްފަހި، ށ. ގޮއިދޫ އަދި ށ. ނޫމަރާއެވެ. މި 4 ރަށުގައި ފެނާ ނަރުދަމާގެ މަސައްކަތްތައް ނުފެށިވާ މައްސަލައާ ގުޅޭގޮތުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުމަށް ހުށައަޅާފައި ވަނީ ކަނޑިތީމުގެ ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ށ. ފޭދުއާ ގޮއިދޫގެ މަސައްކަތްތައް މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށް އެކި މަރުޚަލާތަކުގައި މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން ގޮއިދޫގެ ފެނާ ނަރުދަމާގެ ޢަމަލީ މަސައްކަތް ރަށުގައި ފަށާފައިވާއިރު، ފޭދޫގެ ފެނާ ނަރުދަމާއަށް ބޭނުންވާ އިމާރާތާ ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެ ބިން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު މަސައްކަތް ނުފެށިވަނީ ށ.ބިލެއްފައްސާއި ނޫމަރާގައިކަމަށާއި ދެ ރަށުގެ މަސައްކަތްވެސް ޓެންޑަރކުރުމަށް އެދި ފިނޭނެސް މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ދެފަހަރެއްގެ މަތިން ހުށައެޅުމުންވެސް، ބިޑުގަ މައްސަލަތަކެއް ހުރުމުގެ ސަބަބުން މަސައްކަތް ކުރިއަށްގެންދެވޭގޮތް ވެފައި ނުވާކަމަށެވެ. އަދި ބިޑަށް ނުފޮނުވާ ޑައިރެކްޓް އެވޯޑް ނުވަތަ ސަރުކާރު ހީއްސާވާ ކުންފުންޏާކާ ހަވާލުކޮށްގެން ނަމަވެސް، ވީހާވެސް އަވަހަށް އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށާ، މިހާރު މަސައްކަތް ނުފެށި ހުރި ރަށްތަކުގެ މަސައްކަތްތައްވެސް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"ފެނާ ނަރުދަމާގެ ތެރެއިން މިވަގުތު އަތްނުލެވި މިއޮތީ މި 22 ރަށުގެ މަސައްކަތުގަ އެކަނި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް