ޖާބިރު ވިދާޅުވަނީ ކަތީބުންނާއި އަތޮޅުވެރިންގެ ޒަމާން މާ ރަނގަޅު ކަމަށް!

ކުރީގައި އޮތް ކަތީބު ނިޒާމު މާ ރަނގަޅު ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި...

06 Sep 2021 | 09:04

ކުރީގައި އޮތް ކަތީބު ނިޒާމު މާ ރަނގަޅު ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަނު ކުރުމަށް ލާމަރުކަޒީ ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސްކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ މިހާރު ދިމާވާ މައްސަލަ ސާފުވެފައިވާކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަކިވަކި ސަރުކާރުތައް މިހާރު އުފެދިފައިވާކަމަށެވެ.

ޖާބިރު ވިދާޅުވީ ޤާނޫނުގެ ދަށުން ކައުންސިލްތައް އިންތިހާބު ކުރެވިފައިވާއިރު އެ ކައުންސިލްތަކުގެ ތެރޭގައި ހުރި މައްސަލަތައް ރަނގަޅަށް ބެލެންޖެހޭކަމަށާއި ކައުންސިލްތަކުގައި ގިނަ ޕާޓީ އެކުލެވޭ މެމްބަރުން ތިބުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަދި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ތުރާލަކަށް ވެފައިވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ،  އަތޮޅުވެރިކަމާއި ކަތީބުކަން އޮތްއިރު މާ ރަނގަޅުކަމަށް ފާހަގަކުރެވޭ ކަމަށެވެ.

"އޭރު ކޮންމެވެސް ކޮންޓްރޯލެއް ސެންޓްރަލް ގަވަމެންޓްގައި އޮތް. މިހާރު ގަވަމެންޓްގެ ބާރުވެސް ކެނޑިގެން މިދިޔައީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިއަދު ސަރުކާރުގެ ބާރު ކައުންސިލްތަކަށް ނުހިނގާއިރު އެޖްލީއޭގެ ކޮންޓްރޯލްވެސް ކައުންސިލްތަކަށް ހިނގާކަމަށް ގަބޫލުނުކުރާކަމަށެވެ.

"މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ހަދާފައި އޮންނަ އެގްރިމެންޓް، އެ އެގްރިމެންޓްގެ މައްޗަށް މިނިސްޓްރީގެ ބާރެއް ނުހިނގާ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ރާއްޖޭގައި އޮންނަންޖެހޭނީ ޔުނިޓަރީ ދައުލަތެއްކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު ދައުލަތް ފެޑަރޭޝަނަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް