ގޯސްކޮށް ޤުރުއާން ލިޔެފައިވާ މައްސަލަ: އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!

ދަރިވަރުންގެ ފޮތްތަކުގައި ކީރިތި ޤުރުއާންގެ ލަފުޒުތައް ނުވަތަ އާޔަތްތައް ލިޔެފައިވާ މައްސަލަ ބަލައި، އިހުމާލުވި ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަ...

06 Sep 2021 | 08:24

ދަރިވަރުންގެ ފޮތްތަކުގައި ކީރިތި ޤުރުއާންގެ ލަފުޒުތައް ނުވަތަ އާޔަތްތައް ލިޔެފައިވާ މައްސަލަ ބަލައި، އިހުމާލުވި ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ދެއްވައިފިއެވެ.

އެކަމަނާ މި އިންޒާރު ދެއްވީ، މިއަދު ވެލާނާގޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ނޫސްވެރިންނަށް ޖަވާބުދާރީވަމުންނެވެ.

ޤުރުއާން އަދި އިސްލާމް ބައެއް ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރި މައްސަލައިގައި ޑރ. އައިޝަތު އަލީ ވިދާޅުވީ މައްސަލަތަކެއް ހުރި 4 ފޮތެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތަކަކީ 2018 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއްކަމަށާއި، ގްރޭޑް 2ގެ ފޮތަކީ 2015 ވަނަ އަހަރު ނިންމާ އޭރުގެ އިސްލާމިކް މިނިސްޓްރީން ބަލައި ފާސްކޮށްފައިވާ ފޮތެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ، ފޮތްތައް ޗާޕުކުރަނީ އެންއައިއީ އަދި އިސްލާމިކް މިނިސްޓްރީން ފޮތްތައް ބަލައި ފާސްކުރުމަށް ފަހުކަމަށެވެ. އެހެންކަމުން ފޮތްތަކުގައި މައްސަލަ ދިމާވި ސަބަބުން ދެނެގަތުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މައްސަލަތައް ހުރީ ފޮތްތައް އެކުލަވާލުމަށްފަހު ޕްރޫފް ރީޑް ކުރުމުގެ ދެ މަރުހަލާގައި އެންމެ އެކަށީގެންވާ ވަރަށް ބެލިފައި ނުވާތީ ކަމަށެވެ. އެހެންކަމުން މިކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަތުމަސް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަކަމެއް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް މިހާރު ފޮތްތައް ޕްރޫފް ރީޑް ކުރުމުގައި އިތުރު މަރުހަލާއެއްވެސް ހިމަނާފައިވާކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުން ކިޔެވުމުގެ ކަންކަން އަދި ފޮތްތަކުގައު ފާހަގަކުރެވޭ މައްސަލަތަކުގެ ކަންކަން ސިޔާސީ ކަމަކަށް ނެހެދުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް