އިންފޮމޭޝަން ކޮމިޝަރުގެ މަގާމަށް އާހިދު، އީސީގެ މެމްބަރުކަމަށް އާސިފް އައްޔަން ކުރައްވައިފި

އިންފޮމޭޝަން ކޮމިޝަރުގެ މަގާމަށް ހ.ގުރުވަ އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހ. އިރުވައި، މުޙައްމަދު ޢާޞިފް އައްޔަން ކުރައްވައިފި އެވެ. ޤާނޫނުއަސާސީގެ 167 ވަނަ...

06 Sep 2021 | 08:18

އިންފޮމޭޝަން ކޮމިޝަރުގެ މަގާމަށް ހ.ގުރުވަ އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހ. އިރުވައި، މުޙައްމަދު ޢާޞިފް އައްޔަން ކުރައްވައިފި އެވެ.

ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، މުޙައްމަދު ޢާޞިފް، ޢައްޔަން ކުރެއްވީ މިއަދު އެވެ.

މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މުޙައްމަދު ޢާޞިފާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، މުޙައްމަދު ޢާޞިފް، ކުރެއްވިއެވެ. މުޙައްމަދު ޢާޞިފްއަށް ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމް އެވެ.

މުޙައްމަދު ޢާޞިފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދު އެންމެ ފަހުން ފުރުއްވާާފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރގެ މަޤާމެވެ. ޢާހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ލީގަލް އެޑވައިޒަރގެ މަޤާމާއި، ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމުވެސް ފުރުއްވާފަ އެވެ.

މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރގެ މަޤާމާއި، މޯލްޑިވްސް ވޮލަންޓިއަރސް ކޯޕްސްގެ ސީއީއޯގެ މަޤާމު ވެސް ޢާހިދު ވަނީ ފުރުއްވާފަ އެވެ.

ޢާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަރ ޔުނިވަރސިޓީއިން ބެޗެލަރ އޮފް ލޯ ވިޗް އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް