ފީވަކުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ށ. ފީވަކުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ކުރާ ކުންފުނި އެމް.ޑަބްލިޔު.އެސް.ސީއިން ބުނީ އެރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މިހ...

06 Sep 2021 | 08:06

ށ. ފީވަކުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރާ ކުންފުނި އެމް.ޑަބްލިޔު.އެސް.ސީއިން ބުނީ އެރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

މިގޮތުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށް ބުންޏެވެ. އަދި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެރަށަށް ގެންދެވިފައި ކަމަށް ވެސް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ފީވަކުގައި 9.17 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމާއި ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ އެވެ.

މިއާއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ފީވަކުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ އަގަކީ 49,603,418.19 މިލިއަން ދިވެހި ރުފިޔާ އެވެ. މި މަޝްރޫޢުގެ މުއްދަތަކީ 450 ދުވަހެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ފީވަކުގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް