ސްކޫލް ދަރިވަރުންގެ އިސްލާމް ފޮތްތަކުގައި ގިނަ ކުށްތައް ލިޔެފައި ވަނީ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ސަރުކާރުގައިކަން ހާމަވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދު ﷲ ރަޝީދު ވިދާޅުވީ ގްރޭޑް 2ގެ ފޮތުގައި ކުށް ލިޔެވިފައި ވާއިރު އެއީ 2015 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށެވެ. ނަމަވެސް އެކަން މިހާތަނަށް އޮތީ ފާހަގަ ނުކުރެވި ކަމަށް ޑރ. އަބްދު ﷲ ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކުށް ހުރި ގްރޭޑް 12ގެ އިސްލާމް ފޮތަކީ ވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްލާމިކް މިނިސްޓްރީން ފާސްކޮށްގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ކުށްތައް ފުރަތަމަ ފާހަގަ ކުރެވުނު ގްރޭޑް 1ގެ ފޮތަކީ މިއަހަރު އަލަށް ބޭނުން ކުރަން ފެށި ފޮތެކެވެ.
ޑރ. އަބްދު ﷲ ރަޝީދު ވިދާޅުވީ ގުރުއާން ފޮތެއްގައި މިފަދަ މައްސަލައެއް ދިމާވެގެން ނުވާނެ ކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގްރޭޑް 1ގެ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުންކުރާ ގުރުއާން ފޮތުގައި ދެ ސޫރަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެކަން ދިމާވި ސަބަބު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް އެހެން ފޮތްތަކުން ވެސް އެފަދަ މައްސަލަތައް ފެނިފައި ވާއިރު އޭގެ ތެރޭގައި 2015 އިން ފެށިގެން ހުރި މައްސަލަތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަން ހައްލުކުރުމަށްޓަކާ މިހާރު މަސައްކަތްކުރަމުންދާ ކަމަށާއި އެކަމުގައި އިހުމާލުވާ ފަރާތެއް ހުރިތޯ ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެން ވިދާޅުވީ އެކަންކަން ހައްލުކުރުމަށްޓަކާ މިހާރު މަސައްކަތްކުރަމުންދާ ކަމަށާއި އެކަމުގައި އިހުމާލުވާ ފަރާތެއް ހުރިތޯ ވެސް ބަލާނެ ކަމަށެވެ. އަދި އިހުމާލުވި ފަރާތްތައް ހޯދައި ފިޔަވަޅު އަޅުއްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ މި މައްސަލަ ފެންމަތިވުމުން ޕްރޫފް ރީޑިންގ ޕްރޮސީޖާރ ހަރުދަނާކޮށްފައި ވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް