ފިލާވަޅު ދަސްކޮށްގެން ވަޑައިގަތުމަށް މިނިސްޓަރ އަސްލަމަށް މަޖިލީހުން އަންގައިފި

މަޖިލީހުގެ ތަޅުމުގައި މިނިސްޓަރުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބުދެއްވޭވަރަށް ތައްޔާރުވެގެން ވަޑައިގަތުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމަށް،...

06 Sep 2021 | 05:25

މަޖިލީހުގެ ތަޅުމުގައި މިނިސްޓަރުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބުދެއްވޭވަރަށް ތައްޔާރުވެގެން ވަޑައިގަތުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމަށް، ރައްޔިތުންމެ މަޖިލީހުން އަންގަވައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ، މިނިސްޓަރ އަސްލަމަަށް މިހެން އެންގެވީ މިއަދުގެ މަޖިލީހުގައި އަސްލަމް އާއި ކުރެވުނު ސުވާލުތަކަށް ޖަވާބު ނުދެވި، ސުވާލުގެ ބައި ނިންމާލަން ޖެހުމުން ނެވެ.

މިނިސްޓަރ އަސްލަމަށް ސުވާލު ކުރަން ފެށިއިރުވެސް ބައްދަލުވުމަކަށް ދާންޖެހޭތީ ސުވާލު ކުރުމަށް 30 މިނިޓުގެ ވަގުތެއްދީފައިވާ އިރު، ގިނަ މެމްބަރުން ކުރެއްވި ސުވާލުތަކަށް އަސްލަމަށް ވަނީ ޖަވާބު ނުދެއްވިފަ އެވެ. އަސްލަމް ވިދާޅުވީ އެކަށީގެންވާ ވަރަށް މިއަދު ތައްޔާރުވެވިފައި ނުވާ ކަމަށެވެ.

މިކަމުގެ ސަބަބުން ގިނަ މެމްބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާ އިރު، މަޖިލީހަށް ވަޑައިގަންނަވަން 14 ދުވަހުގެ މުއްދަތެއް ލިބޭއިރު، މަޖިލީހަށް ވަޑައިގެން ޒިންމާދާރުކަން ކުޑަކޮށް ޖަވާބު ދެއްވުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ވެސް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

"މަޖިލީހުގެ ގަވާއިދުގައިވެސް އޮންނަނީ އެދުވަހު ކުރެވޭ ސުވާލުތަކުގެ އިތުރުން ދެން ސުވާލު ކުރަންޖެހޭނީވެސް ގުޅުންހުރި ސުވާލުތައްކަމަށް." އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރ އަސްލަމް މަޖިލީހަށް މިއަދު ހާޒިރުކޮށްފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުލްޙަކީމް، ކުރައްވާ ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ. އަސްލަމާއި ކުރުމަށް ހަމަޖެހިފައިވާ ސުވާލަކީ ށ. ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރާ ގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ؟ އާއި އަދި އެކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނީ ކިހާތާކުތޯ؟ އޮޅުން ފިލުވުމަށެވެ.

އަސްލަމާއި ގިނަ މެމްބަރުން ސުވާލުތަކެއް ކުރެއްވިއިރު، އެއްވެސް ސުވާލަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އަސްލަމް ވިދާޅުވަމުން ގެންދެވީ މަޖިލީހަށް ވަޑައިގަންނަވަން ޖެހޭކަން އެނގުނީ ވެސް އިއްޔެ މެންދުރު ކަމަށާއި، އެހެންކަމަށް ވުމުން، ސުވާލުތަކަށް ޖަވާބު ދެއްވަން ދަތިވާ ކަމަށެވެ. އަދި ކުރައްވާ ގިނަ ސުވާލުތަކުގެ ޖަވާބު ބޭނުންނަމަ ވަޒީރު އިންނަވާ އޮފީހަށް ވަޑައި ގަތުމަށް ވަނީ ދަންނަވާފަ އެވެ.

މިނިސްޓަރ އަސްލަމް މަޖިލީހަށް ވަޑައިގެން އެކަށީގެންވާ ވަރާއިގާތަށް ވެސް ސުވާލުތަކަށް ޖަވާބު ނުދެއްވޭތީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިޔުންވެސް މީގެކުރިން ވެސް އަސްލަމަށް ވަނީ ކުރިމަތިވެފަ އެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މިދައުރުގައި ގިނަ ފަހަރުތަކެއްގެ މަތީން އަސްލަމް މަޖިލީހަށް ހާޒިރުގެ ސުވާލުތަކަށް ޖަވާބު ދެއްވަން ތާވަލް ވެފައިވާ ކަމަށެވެ. އެހެންވެ، މަޖިލީހަށް ވަޑައި ގަންނަވާއިރު ތައްޔާރުވެގެން އައުމަށް މިނިސްޓަރ އަސްލަމަށް، އީވާ ވަނީ ދަންނަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް