ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އަރައި ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލާއި އާޖެންޓީނާ ކުޅެމުން ދިޔަ މެޗު ހުއްޓުވައިފިއެވެ.
ދެކުނު އެމެރިކާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މި މެޗު ފުލުހުންނާއި ސިއްޚީ އޮފިޝަލުން ދަނޑަށް އަރާ ހުއްޓުވީ މެޗު ފެށިގެން ކުރިޔަށް ދަނިކޮށެވެ.
ސިއްޚީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އަރާ މެޗު ހުއްޓުވީ އާޖެންޓީނާ ޓީމުގައި ބްރެޒިލުގެ ކަރަންޓީން އުސޫލާ ޚިލާފުވެފައިވާ ހަތަރު ކުޅުންތެރިއަކު ހިމެނޭތީއެވެ.
އެ ހަތަރު ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޖިއޮވާނީ ލޮ ސެލްސޯ އާއި، ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަދި އެމީ ބުއެންޑީއާއެވެ.
އިންގްލެންޑަކީ ބަރެޒިލުން ކަނޑައަޅާފައިވާ އެގައުމުގެ ރެޑް ލިސްޓުގައި ހިމެނޭގައުމެކެވެ. އެހެންކަމުން އިންގްލެންޑުން ދަތުރެއް ފަށައި 14 ދުވަސްނުވާ މީހަކު ބްރެޒިލަށް އައިސްފިނަމަ ކަރަންޓީން ވާން ޖެހޭގޮތަށް އުސޫލް ވަނީ ހަދާފައެވެ.
ބްރެޒިލްގެ ކޮވިޑް އުސޫލުތަކާއި މި ހަތަރު ކުޅުންތެރިން ޚިލާފުވެފައިވާކަމަށް ނިންމާ ފުލުހުންނާއި އޮފިޝަލުން ދަނޑަށް އަރާ މެޗު ހުއަޓުވާފައިވާއިރު، މި މެޗު އަލުން ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. ގިނަ މަޝަވަރާތަކަށް ފަހު މި މެޗު ސަސްޕެންޑް ކުރަން ވަނީ ނިންމާފައެވެ.
މި މައްސަލައާއި ގުޅިގެން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްއިން ބަޔާނެއްވެސް ނެރެފައިވާއިރު، މި ބަޔާނުގައި ވާ ގޮތުން މި މެޗު އަލުން ކުރިޔައް ގެންދާނެ ގޮތެއް ނިންމާނީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި މެޗުގެ މައްސަލާގައި އާޖެންޓީނާ ފުޓްބޯޅަ އިދާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާއާއި ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި މެޗު ކުޅުމަށް މީގެ ދެ ދުވަހެއް ކުރިން ވެނެޒުއޭލާއިން އާޖެންޓީނާ ޓީމު ބްރެޒިލަށް އައިސް ސިއްހީ އުސޫލުތަކާ އެއްގޮތަށް ހޮޓަލެއްގައި ވަނީ މަޑުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް