ރާއްޖެ ދޫކޮށް ދާކަށް ނޫޅެން، އެފަދަ ހާލަތެއް އަދި ނާދޭ: ގަމު ފްލައިން ސްކޫލް

އައްޑޫ ސިޓީ ގަމުގައި އޭޝިއަން އެކެޑެމީ އޮފް އެއޮރިނޯޓިކްސް(އޭއޭއޭ) އިން ހިންގަމުން އަންނަ ފްލައިން ސްކޫލް ބަންދު ކުރުމަށްފަހު އެ ސްކޫލް ލަންކާއަށް ބަދަލު ކުރުމަށް ނިންމާފައި ވާކަމަށް ބުނެ މި ނޫހުގައި ...

06 Sep 2015 | 05:47

އައްޑޫ ސިޓީ ގަމުގައި އޭޝިއަން އެކެޑެމީ އޮފް އެއޮރިނޯޓިކްސް(އޭއޭއޭ) އިން ހިންގަމުން އަންނަ ފްލައިން ސްކޫލް ބަންދު ކުރުމަށްފަހު އެ ސްކޫލް ލަންކާއަށް ބަދަލު ކުރުމަށް ނިންމާފައި ވާކަމަށް ބުނެ މި ނޫހުގައި ލިޔުނު ހަބަރަކީ އަސްލެއް ނެތް ހަބަރެއް ކަމަށް އެ ސްކޫލުން ބުނެފި އެވެ.

މި ހަބަރު ނޫހުގައި ޖަހާފައިވާނީ އެ ސްކޫލުގެ ހިންގުމާއި ހަވާލުވެ ހުންނެވި ހެޑްއޮފް ޓްރެއިނިން އަދި ޗީފް ފްލައިޓް އިންސްޓްރަކްޓާ ކެޕްޓަން ސުރަންޖަން ޑި ސިލްވާއާ ފޯނުން ގުޅާ އިންޓަވިއު ކުރުމަށްފަހުގަ އެވެ.

އެހެން ނަމަވެސް ނޫހުގެ އެޑިޓޯރިއަލް އަށް ގުޅުމަށްފަހު އެ ސްކޫލުގެ އެޑްމިނިސްޓްރޭޓާ ހުސެއިން މަމްދޫހް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި "އުޅެނީ ތަރުޖަމާ ކުރުމުގެ މައްސަލައެއް" ކަމަށެވެ. އެހެން ނަމަވެސް ދުވަސް ނޫހުގައި އެ ހަބަރު ޖަހާފައި ވާނީ އެގޮތަށް ކެޕްޓަން ސުރަންޖަން ވިދާޅުވުމުންނެވެ.

މަމްދޫހް ވިދާޅުވީ ރާއްޖެ ދޫކޮށް ދާފަދަ ހާލަތެއް އަދި އެ ކުންފުންޏަށް ދިމާވެފައި ނުވާ ކަމަށާއި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ދެން އެ ސްކޫލް ބަދަލު ކުރާނީ ލަންކާއަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި އެފަދަ ހާލަތެއް ދިމާ ނުވޭ އިނގޭތޯ، އަޅުގަނޑުމެން މި ބުނާ އެއްޗަކީ އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ލަންކާއަށް ބަދަލު ކުރާނަމޭ" މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު އިތުރަށް ވިދާޅުވީ ގަން އެއާޕޯޓުގެ ބޯޑާއި އެ ސްކޫލާއި ދެމެދު ކޮންމެވެސް ވަރެއްގެ ކަންތައް ތަކެއް އެބަ އުޅޭ ކަމަށާއި އެހެން ނަމަވެސް އެއީ ކޮން ކަންތައްތަކެއްކަން ދަންނަވަން މިވަގުތު ދަތި ކަމަށެވެ. އަދި ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް އޮފީސް އިސް ވެރިންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް މަމްދޫހް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް