ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާއިރު ރަޝިޔާއިން ސީރިޔާއަށް އަސްކަރީގޮތުން ވާގިވެރިވެފައިވާކަމަށްބުނެ އަޑުތައް ފެތުރިފައި ވަނިކޮށް އެކަމާ އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމެރިކާއިން މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ، ރަޝިޔާގެ ހާރިޖީ ވަޒީރަށް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ.
"ރަޝިޔާއިން ސީރިޔާއަށް ވާގިވެރިވާނަމަ އެކަމުގެ ސަބަބުން ސީރިޔާގެ މަސްރަހު ވާނީ އިތުރަށް ގޯސް، މައުމޫމް އެތައް ބައެއްގެ ފުރާނަ އެދަނީ ގެއްލެމުން، ރެފިއުޖީންގެ އަދަދު އިންތިހާއަށް އެ ދަނީ އިތުރުވަމުން، އައިއެސް އެ ދަނީ ވަރުގަދަވަމުން" ފޯނުކޯލުގައި ކެރީ ވިދާޅުވިކަމަށް ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުނެފައި ވެ އެވެ.
އެ ވުޒާރާއިން ބުނީ މި މައްސަލައިގާ ކެރީ އަދި ރަޝިޔާގެ ހާރިޖީ ވަޒީރު ސާޖީ ލަވްރޯވް މިމަހުގެ ފަހުކޮޅު ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށް ނިންމަވާފައި ވާކަމަށެވެ.
ރަޝިޔާއިން މި ފަހަކަށް އައިސް އަސްކަރީގޮތުން ސީރިޔާގެ ބަޝާރުލް އަސަދަށް ވާގިވެރިވަމުން އަންނަ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ރިޕޯޓްތަކުގައި ވާގޮތުން މި ފަހަކަށް އައިސް ރަޝިޔާއިން ވަނީ ބަޝާރުލް އަސަދަށް ވާގިވެރިވުމަށް ހާހަކަށްވުރެ ގިނަ ސިފައިން ސީރިޔާއަށް ފޮނުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް