ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވާފައިވާ ކެނޑިޑޭޓް، އުމަރު ނަސީރުގެ ކެނޑިޑެސީ ފޯމު މާދަމާ ހުށަހަޅަން ތައްޔާރު ވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އުމަރު ވިދާޅުވީ މާދަމާ 12 ޖަހާއިރު ކެނޑިޑެސީ ހުށަހަޅުއްވާނެކަމަށެވެ.
ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް އުމަރު ނަސީރު ތާއީދު ފޯމު ހަމަކޮށް އެކަން އިއުލާނުކުރައްވާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.
ކުރިން ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު އެކަން ހާމަކުރެއްވީ އުމަރުގެ “ވޯރ ރޫމް” ގައި ފޯމުތައް ވަށް މޭޒަށް އަތުރާލައްވައިގެން އިންނަވައި ދޫކޮށްލެއްވި ފޭސްބުކް ލައިވެއްގައެވެ.
އުމަރު ވިދާޅުވީ އިއުލާނު ކުރުމާއެކު ތާއީދު ސޮއި ހޯދުމުގެ މަސައްކަތް ފަސް ދުވަސް ކުރިން ފައްޓަވައި ފަސް ދުވަހުން ދެ ހާސް ތާއީދު ފޯމު ލިބިފައިވާކަމަށެވެ.
ތާއީދު ސޮއި ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން އުމަރު ވިދާޅުވީ މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ނޫން ކަމަށާއި ރާއްޖެ ހެޔޮ ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި ސާފު ހުދު ވަލުގައި މިހާރު ގިނަ ބަޔަކު ހިފަމުން އަންނަކަން ފާހަގަކުއްވަމުން އުމަރު ވިދާޅުވީ އެ ހަރަކާތް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް