މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކެނޑިޑެންސީ ފޯމާއި މޯލްޑިވްސް ނޭޝަނަލްޕާޓީ (އެމްއެންޕީ)ގެ ފަރާތުން ހުށަހަޅާފައިވާ ފޯމު ގަބޫލު ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ ރަނިންމޭޓަކީ އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމްއެވެ.
އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނީ އޮނަރަބަލް މުހައްމަދު ނާޒިމްއެވެ. ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަހްމަދު އަދީލް ނަސީރެވެ.
ދެ ބޭފުޅުންގެ ކެނޑިޑެންސީ ފޯމުވެސް ހުށަހަޅާފައި ވަނީ މިއަދުއެވެ.
އީސީން ބުނީ، އެ ދެ ބޭފުޅުންގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ދެ ބޭފުޅުންވެސް ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ވަނީ މިރޭ ޤަބޫލު ކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނުން، ޖުލައި 23 ގައި ހުޅުވާލި ފުރުޞަތު އޮތީ، މާދަމާ (އޮގަސްޓް 7 ވާ ހޯމަ ދުވަހު) ގެ 14:00އާ އަށެވެ.
ނަމަވެސްމިހާތަނަށް ފޯމު ހުށަހެޅީ ހަތަރު ފަރާތަކުން ކަމަށާއި ޖަވާބު ދެވިފައިވަނީ ތިން އެޕްލިކޭޝަނަށް އަށް ކަމަށް އީސީން ބުންޏެވެ. އަދި އެންމެ ފަހު ވަގުތަށް މަޑުކޮށްފިނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ޙާލަތެއް ދިމާވެއްޖެ ހިނދެއްގައި، މާދަމާގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީ، ވަގުތު އޮއްވާ މާދަމާގެ އެޕްލިކޭޝަންތައް ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ.
"އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރެއްވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔުއްވުން ވަރަށް މުހިންމު" އީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް